ތުހުމަތުތައް ދޮގުކޮށް ސައްލެ ފުލުހުންނަށް ގޮވާލީ ވީޑިއޯގައިވާ ފަރާތަކީ ކާކުކަން ހޯދައިދިނުމަށް
އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯގައި ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ނޫން ކަމަށާއި އެ ވީޑިއޯއާއި ފޮޓޯގެ ތަޙްޤީޤެއް ހިންގަވައިދިނުމަށް އޭނާ އެދިވަޑައިގެންފައެވެ.
އިއްޔެ މީސްމީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަނީ ކުރިން ސައްލެގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ ރާއްޖެ ޓީވީ މަސައްކަތްކުރި ނޫސްވެރިޔާ އަބްދުﷲ ނަސީރު ކަމަށް ބެލެވޭ މީހަކު އިތުރު ފިރިހެނަކާ އެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެކެވެ. މި ވީޑިއޯގައި ދެން ހުރި ފަރާތުގެ މޫނެއް ނުފެނެއެވެ. ނަމަވެސް އެއީ ސައްލެ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ވީޑިއޯއާއި ފޮޓޯ ޓްވިޓަރގައި ހިއްސާ ކުރި ފަރާތުން ވެސް އެ މީހަކީ ސައްލެ ކަމަށް ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ސައްލެ ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި އޭނާ ވިދާޅުވީ، އެފަދަ ފާހިޝް ކަމެއް އޭނާ ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ވީޑިއޯއިން ފެންނަ އެކަކު އެއީ ކާކުކަން އެނގޭ އިރު، ދެން އެކަމުގައި ޝާމިލްވި މީހަކީ ކޮބައިކަން ފުލުހުން ދެނެގަންނަން އުދަނގޫނުވާނެ ކަމަށާއި އެ ކަންކޮށްދިނުމަށް އެދިލެއްވިއެވެ.
"އަޅުގަނޑު ނުކުރާ ކަމެއް އެއީ ނުކުރާ ކަމެއް ކަމަށް ސާބިތުކުރުމަށް އަޅުގަނޑަށް ކުރެވޭނެ ކަމެއް ނެތް އިރު، އެފަދަ ކަމެއް ހިނގި ކަމަށް ބުނާ މިފަދަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއްގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ތިޔަ މުއައްސަސާގެ ޒިންމާއެއް ކަމުގައި ވެސް އަޅުގަނޑު ދެކެމެވެ." އެ ސިޓީގައި ސައްލެ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާއަށް ތުހުމަތުކުރާ ކަންކަން ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، އެފަދަ ކަމެއް ކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ލިބިއްޖެ ނަމަ އޭނާގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް ވެސް ސައްލެ އެދިވަޑައިގެންފައިވެއެވެ. ހަމައެހެންމެ ތަހުގީގު ކުރުމަށް ފަހު އެ ތުހުމަތުތަކާ ގުޅޭގޮތުން ފުލުހުންނަށް ފާހަގަކުރެވުނު ކަންކަމުގެ ތަފުސީލް މައުލޫމާތު އާންމުކޮށް ހިއްސާކުރަން ވެސް ސަލީމް އެދިވަޑައިގަތެވެ.