އެއް ޖިންސުންގުޅުން ހިންގި މައްސަލައިގައި ހިމެނޭ ފުލުސް މީހާގެ އަދަބު ލުއިކޮށްދީފި

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ޢަބްދުއްރަޙްމާން ރަފީޢު (ދޮންދިގު) މައްޗަށް ކުށް ސާބިތުވެ އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރެއްވި ތާޢީދު ކުރި ނަމަވެސް ޙުކުމުގެ އަދަބުގެ މިންވަރު މަތިކުރި ގޮތް ގޯސް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
ދޮންދިގުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި އެކޯޓުން ކުރި ހުކުމުގައި ބުނީ އޭނާގެ އަދަބުގެ މިންވަރު މަތިކުރުމަށް ދަށު ކޯޓުން ނިންމު ނިންމުމަކީ ރަގަޅު ނިންމުމެއް ކަމުގައެވެ. އެހެންނަމަވެސް އަދަބުގެ މިންވަރު މަތިކުރި ގޮތް ގޯސްކަމަށް ހުކުމުގައި ބުނެފައި ވެއެވެ.
ބަންގްލަދޭޝްގެ ޒުވާނެއްކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި, ޢަބްދުއްރަޙްމާންގެ މައްޗަށް އުފުލީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާއެވެ.
ދަޢުވާއަށް އިޢުތިރާފުވެފައިވާތީ ކްރިމިނަލް ކޯޓުން މިދިޔަ ސެޕްޓެމްބަރު 22 ވަނަ ދުވަހު ޙުކުމް ކުރެއްވީ އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ރަފީޢު ޖަލަށްލުމަށެވެ.
ބަންދުގައި ހުރެ ޢަބްދުއްރަޙްމާން ނެރުނު ބަޔާނެއްގައި ކުރި ކުށަށް ތައުބާވެ, ހިތާމަ ކުރާ ކަމަށާއި, އިޢުތިރާފުވަނީ ކުރެވުނު ކުށުގެ އަދަބާ ކުރިމަތިލުމަށް ބޭނުންވާތީ ކަމަށްވަނީ ބުނެފައެވެ.