ޚަބަރު

ހައްޔަރުކުރީ ރިލްވާނާއި ޔާމީންގެ މަރުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުވާ ތިން މީހަކު: ފުލުހުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް/ ފޮޓޯ: ދެން އިމޭޖްސް

ނޫސްވެރިޔާ ރިލްވާން އަބްދުﷲ އަދި ބްލޮގާ ޔާމީން ރަޝީދު މަރައިލި މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by STELCO

ފުލުހުން ނެރުނު ބަޔާނެއްގައި ވިދާލުވީ ތިން މީހަކު ހައްޔަރުކުރީ ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭ ކުށްތައް ރާވައި ހިންގުމާއި އެ ކުށް ހިންގުމަށް ޓަކައި ޓެރަރިޒަމްގެ އަމަލުތައް ހިންގައިފައިވާ ކަމަށް ތުހުމަތުކުރެވިގެން ކަމަށެވެ.

ހައްޔަރުކޮށްފައި ވަނީ؛

- މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) 39،

- މ. ލެގޫން، ވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ) 30،

- ދަފްތަރު، އަހްމަދު މުއާޒް، 40،

ފުލުހުން ވިދާޅުވީ، އެ މީހުން ހައްޔަރުކުރީ މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލަން އެކުލަވައިލި ކޮމިޝަނުގެ ތަހުގީގާ ގުޅިގެން ކަމަށެވެ.

މަރު ކޮމިޝަނުން 2019ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ޓެރަރިސްޓު ޖަމާއަތަކާއި ގުޅުން އޮންނަ ބަޔަކު ރިލްވާން ވަގަށް ނަގައި ކަނޑުމައްޗަށް ގެންގޮސް މަރައިލުމަށް ފަހު ކަނޑުފައްތައިފައިވާ ކަމަށެވެ. ނޫސްވެރިޔާ ރިލްވާން ގެއްލުވާލައިފައި ވަނީ 2014 އޮގަސްޓް 7ވަނަ ދުވަހުއެވެ.

އޭގެ ފަހުން ޔާމީން ރަޝީދު މަރައިލީ 2017 އޭޕްރިލް 23ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރައިލީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރޭގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!