ކުރިޔަށް އޮތް ފަސް އަހަރު ޗައިނާގައި ތަންފީޒް ކުރާނީ ޒީރޯ ކޮވިޑް-19 ސިޔާސަތުކަމަށް ބުނާ ވާހަކަ ސެންސަރެއް ނުކުރެވުނު
ކުރިޔަށް އޮތް ފަސް އަހަރު ޗައިނާގައި ތަންފީޒް ކުރާނީ ޒީރޯ ކޮވިޑް-19 ސިޔާސަތު ކަމަށް ޗައިނާގައި ވެރިކަން ކުރަމުން އަންނަ ކޮމިއުނިސްޓް ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވި ބަސްތައް ސެންސަރު ކުރަން، ބެއިޖިންއަށް ނުކުޅެދިއްޖެއެވެ.
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ރަސްމީ ނޫހެއް ކަމަށްވާ ބެއިޖިން ޑެއިލީން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ސިޓީގެ ޕާޓީގެ ވެރިޔާ ކައި ކީ ހޯމަ ދުވަހު ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރަށް ބެއިޖިންއިން ކޮވިޑް-19 ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް ކުރިޔަށް ގެންގޮސް، ގެންގުޅޭނީ ޒީރޯ ކޮވިޑް-19 ސިޔާސަތެއް ކަމަށެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ގާތް އެކުވެރިއެއް ކަމަށްވާ ކައި "ކުރިއަށް އޮތް ފަސް އަހަރު" އިޝާރާތް ކުރެއްވުމާ ގުޅިގެން ޗައިނާގެ ސޯޝަލް މީޑިއާގައި ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވިއެވެ.
މިއާ އެކު ބެއިޖިން ޑެއިލީން ވަނީ ޕެންޑެމިކް ކޮންޓްރޯލްތަކާ ބެހޭ ގޮތުން އޭނާ ދެއްކި އެހެން ވާހަކަތައް ބަހައްޓައި، ފަސް އަހަރުކަމަށް ބުނާ ތަންކޮޅު ބަދަލުކޮށް، އެގޮތަށް ރިޕޯޓްވީ އޮޅުމަކުން ކަމަށް ބުނެފައެވެ.
ނަމަވެސް ކައި ވަނީ ޒީރޯ ކޮވިޑް ސިޔާސަތުތައް ތަންފީޒު ކުރުމާއި ކަމާ ބެހޭ ގޮތުން ދިގުކޮށް ވާހަކަ ދައްކައިފައެވެ.
ކައިއާ ހަވާލާދީ ބެއިޖިން ޑެއިލީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕެންޑެމިކް ކޮންޓްރޯލްތަކުގެ ތެރޭގައި ރޫޓިން ޕީސީއާރު ޓެސްޓްތަކާއި އެންޓްރީ ރޫލްސް ހަރުކަށިކުރުމާއި ދިރިއުޅޭ އަވަށްތަކާއި އާންމު ތަންތަނުގައި ގަވާއިދުން ސިއްހީ ޗެކްކުރުމުގެ އިތުރުން ބެއިޖިންއަށް ވަންނަ މީހުންނާއި ނުކުންނަ މީހުން ހަރުކަށިކޮށް މޮނިޓަރކޮށް ޓެސްޓްކުރުން ހިމެނޭ ކަމަށެވެ.
މި ވާހަކަތަކާ ގުޅިގެން ޗައިނާގެ ޓްވިޓާ ފަދަ ޕްލެޓްފޯމް ކަމަށްވާ ވެއިބޯގައި ގިނަ މީހުން ޚިޔާލުފާޅުކޮށްފައި ވަނީ، ދިގު މުއްދަތަކަށް ބެއިޖިން ހުއްޓުވުމަކަށް ގެނައުމާ މެދު އަލުން ވިސްނަން ޖެހޭ ކަމަށެވެ.
"ކުރިއަށް އޮތް ފަސް އަހަރަށް...ދިރިހުރުމުގެ ބޭނުމަކީ ކޮބައިތޯ ވެސް،" ބައެއް ފަރާތްތަކުން ވެއިބޯގައި ޚިޔާލުފާޅު ކުރަމުން ލިޔެފައިވެއވެެ.
އޭގެ ފަހުން ވެއިބޯއިން ވަނީ އެ ކުންފުނީގެ ޕްލެޓްފޯމުން "ކުރިއަށް އޮތް ފަސް އަހަރަށް" ހެޝްޓެގް މަނާކޮށްފައެވެ.