ޚަބަރު

ލަންކާގައި އާއްމުނަށް ޕެޓްރޯލް ވިއްކުން މަނާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވަކި ޚާއްސަ އުޅަނދުތަކަކަށް ނޫނީ، މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ހަފުތާގެ މުއްދަތަށް ލަންކާގައި ޕެޓްރޯލް ވިއްކުން އާންމުކޮށް މަނާކޮށްފިއެވެ.

Ads by Sosun Fihaara

ކެބިނެޓް ތަރުޖަމާނު މިނިސްޓަރު ބަންދުލަ ގުނަވަރްދަނެ ވިދާޅުވީ އަންގާރަ ދުވަހުން ފެށިގެން ތެޔޮ ވިއްކާނީ ހަމައެކަނި ޒަރޫރީ ކަންކަމަށް ބޭނުންވާ އުޅަނދުތަކަށް ކަމަށެވެ.

އެ ގޮތުން ޕެޓްރޯލް ވިއްކާނީ، އާންމުން ދަތުރުކުރާ ބަސްތަކަށާއި ރޭލުތަކަށާއި ބޭސްފަރުވާގެ ކަންކަމުގައި ބޭނުންކުރާ އުޅަނދުތަކަށާއި، ކާބޯތަކެތި ޑެލިވަރީ ކުރުމުގައި ބޭނުންކުރާ އުޅަނދުތަކަށް އެކަންޏެވެ.

އޭގެ އިތުރުން ތެޔޮ ނުލިބި ކުރިމަތިވެފައިވާ މައްސަލަ ހައްލު ކުރެވެންދެން ހުރިހާ އޮފީހަކުން ވެސް ޖުލައި 10ވަނަ ދުވަހާ ހަމައަށް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހެދުމަށް ނިންމިއެވެ.

މިއީ އެ ގައުމުގެ ތާރީޚުގައި ވެސް ކުރިމަތިވި އިގްތިސާދީ އެންމެ ބޮޑު ދަތިކަމަށް ސިފަކުރައްވަމުން އޭނާ ވިދާޅުވީ، ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ޓަކައި ސަރުކާރުގެ ވަފުދެއް މިހާރު ވާނީ ގަތަރަށާއި ރަޝިޔާއަށް ފޮނުވައިފައި ކަމަށެވެ.

އޭގެ އިތުރުން، ލަންކާ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ސާމާނު ހޯދުމަށް، ލަންކާ ސަރުކާރުން މިހާރު ގެންދަނީ ޗައިނާ ސަރުކާރާއި އިންޑިއާ ސަރުކާރާ އެކުގައި ވާހަކަ ދައްކަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!