ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

ޔޯގާ ހަމަނުޖެހުމުގައި ފުލުހުން "ފެއިލް"ވި މައްސަލަ މަޖިލީހަށް

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު--

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޙަރަކާތުގައި ފުލުހުން އިހުމާލުވި ބަލައިދިނުމަށް އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by STELCO

ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުމަކީ ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއެއްގެ ސަބަބުން ހިނގި ކަމެއްކަމަށް ފުލުހުން ވަނީ އިއްޔެ ބުނެފައެވެ.

މިކަމާ ގުޅިގެން، އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ސޮއިކުރައްވައި މިއަދު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ފުލުހުން ޒިންމާ އަދާކުރުމުގައި ފެއިލްވި ކަމަށް އެއްބަސްވުމަކީ އެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީން ފިޔަވަޅު އަޅަން ޖެހޭ ފަދަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

މި މައްސަލަ އެ ކޮމިޓީން ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިންތިޒާމްކޮށްގެން މިދިޔަ އަންގާރަދުވަހު ހެނދުނު 06:30ގައި ބޭއްވި ޙަރަކާތާ ދެކޮޅަށް ބަޔަކު ވަނީ އެ ސަރަހައްދަށް އެއްވެ އަޑުއުފުލައިފައެވެ. އަދި ފުލުހުންގެ ބެރިކޭޑްތައް ފޫއަޅުވައިލައި އެއްވުމުގެ ބައިވެރިން ވަނީ ގަލޮޅު ދަނޑަށް ވަދެ، އެ ހަރަކާތް ހުއްޓުވައިފައެވެ.

ހާދިސާގައި ކަން ހިނގައިދިޔަ ގޮތް ހާމަކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މިކަން ހިނގައިދިޔައީ ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއަކުންކަމަށް ގަބޫލު ކުރާކަމަށެވެ. ފުލުހުންނަކީ މާލޭގައި ހިންގި މިއަށް ވުރެ މާބޮޑު ހަމަނުޖެހުންތަކާއި، މުޒާހަރާތައް ހުއްޓުވުމުގައި ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތް ކޮށްފައިވާ ބައެއްކަމަށާއި، ނަމަވެސް މި ހާދިސާއަށް ފުލުހުންނަށް އެ ވަރަށް ތައްޔާރު ނުވެވި ހަމަނުޖެހުން ނުހުއްޓުވުމަކީ ފުލުހުންގެ ފެއިލިއާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކަން ހިނގައިދިޔަ ގޮތް މިހާރު ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ވަޒީރުންގެ ކޮމިޓީއަށް ވެސް ހިއްސާކޮށްފައިވާކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިއްޓެންޓް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މި ހަރަކާތާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މިހައިތަނަށް 21 މީހަކު ގެނެސްފައިވާކަމަށެވެ. އަދި މިހައިތަނަށް މިހާދިސާގައި އަނިޔާވެރި ޢަމަލު ހިންގައިގެން ހޯދަން ބޭނުންވާ 4 މީހަކު ހޯދަމުންދާކަމަށް ރިޔާޒު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!