ވިޔަފާރި

ގުޅިއަށް ސްޓެލްކޯއިން އާރުއޯ ޕްލާންޓެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކ. ގުޅީގައި ފެން ފޯރުކޮށްދިނުމަށް ދަތިވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ސްޓެލްކޯއިން އިތުރު އާރުއޯ ޕްލާންޓެއް އެ ރަށަށް ގެންގޮސްފިއެވެ.

Ads by Sosun Fihaara

އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދާ ސްޓެލްކޯއިން ބުނީ ގުޅީގައި މިހާރު ހުރި 40 ޓަނުގެ އާރުއޯ ދެ ޕްލާންޓުން އެކަށީގެންވާ ގޮތުގައި ފެން އުފައްދައި ފޯރުކޮށްދޭން ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެކަން ހައްލުކުރުމުގެ ގޮތުން ގުޅިއަށް ގެންދިޔައީ 50 ޓަނުގެ އާރުއޯ ޕްލާންޓެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި އައު ޕްލާންޓާ އެކު މައްސަލަ ހައްލުވެ ރައްޔިތުންނަށް ހިދުމަތް ރަނގަޅުވާނެ އެވެ. އެ ޕްލާންޓް ކޮމިޝަންކޮށް، މި ހަފުތާ ތެރޭގައި ބޭނުންކުރަން ފަށާނެއެވެ.

ގުޅީގެ ފެނާއި ނަރުދަމާގެ ނިޒާމާ ސްޓެލްކޯއިން ހަވާލުވީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

ޔުޓިލިޓީސްގެ ހިދުމަތް އެއްފުރާޅެއްގެ ދަށުން ހިންގުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ސްޓެލްކޯއިން ވަނީ ދާދި ފަހުން ކ. މާފުށީގެ ކުނި މެނޭޖްކުރުމާ ހަވާލުވެފައެވެ. އެއާ އެކު ރާއްޖޭގައި ހުރިހައި ޔުޓިލިޓީސްގެ ހިދުމަތެއް ދޭ ހަމައެކަނި ކުންފުންޏަކީ ވެސް ސްޓެލްކޯއެވެ.

މާފުށީގައި ކުނި މޭނޭޖުކުރުމުގެ ހިދުމަތް ރަނގަޅަށް ފޯރުކޮށްދެވިއްޖެ ނަމަ، ގުޅީގައި ވެސް އެ ހިދުމަތް ދޭން ފަށާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!