އިންޑިއާގެ ލޯނު އެހީގައި ލަންކާގައި ބަނދަރެއް
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 40 މިލިއަން ޑޮލަރުގެ ލޯނަކުން ސްރީލަންކާގެ އެންމެ އުތުރުގައި ކަންކަސަންތުރައިގެ ބަނދަރު ތަރައްގީކުރަން ނިންމައިފިއެވެ.
މިކަން ހާމަކުރައްވައިފައި ވަނީ ލަންކާގެ،ޕޯޓްސް، ޝިޕިން އެންޑް އޭވިއޭޝަން މިނިސްޓަރު ނިރްމަލް ސިރިޕަލާ ޑެ ސިލްވާއެވެ.
ޑެ ސިލްވާ ލަންކާގެ ނޫހެއް ކަމަށްވާ، ޑެއިލީ މިރާ ނޫހަށް ވިދާޅުވީ ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީ (އެސްއެލްޕީއޭ)އިން އެ މަޝްރޫއު ފެށުމަށް ބޭނުންވާ މަސައްކަތްތައް ނިންމައިފައިވާ ކަމަށާއި އިންޑިއާގެ އެގްޒިމް ބޭންކުން ދިން 40 މިލިއަަން ޑޮލަަރު ލޯނު ބޭނުންކޮށްގެން މަޝްރޫއު ފަށާނެ ކަމަށެވެ.
"އަަޅުގަނޑުމެން ކުރަން ޖެހޭ ބައެއް މަސައްކަތްތައް ހުރި. އެ ކަންކަަން ނިންމައިފިން. އިންޑިއާއިން ވަނީ ކޮންސަލްޓެންޓެއް ހަމަޖައްސައިފައި. އެ ރިޕޯޓު ލިބުނުހާ އަވަހަކަށް، ލަންކާގެ އެންމެ އުތުރުގައި ތަރައްގީކުރާ ބަނދަރުގެ މަސައްކަތް ފެށޭނެ." ޑެ ސިލްވާ ވިދާޅުވީ، އައު ބަނދަރާ އެކު ތަރައްޤީގެ އިތުރު މަޝްރޫއުތައް އަންނާނެ ކަމަށެވެ.
“މިވަގުތު ބަނދަރު ކުރެވޭނީ ހަމައެކަނި ކުދި އުޅަނދުތައް. އަޅުގަނޑުމެން އެކަން ތަރައްޤީކުރާނީ ބޮޑެތި އުޅަނދުފަހަރު އެކޮމޮޑޭޓް ކުރުމަށް،”
ފިޝެރީޒް މިނިސްޓަރު ޑަގްލަސް ދޭވްއަނަންދަ ދާދި ފަހުން ވަނީ އިންޑިއާއާއި އުތުރު ސްރީލަންކާއާ ދެމެދު މުދާ އުފުލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފައެވެ.
އިންޑިއާގެ އެހީއާ އެކު ކަންކަސަންތުރައި ބަނދަރު ހެދުމަށް ރާވައިފައި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެ މަޝްރޫއަށް ލޯނު ފޯރުކޮށްދޭން އިންޑިއާއިން އެންމެ ފުރަތަމަ ހުށަހެޅީ 2009ވަނަ އަހަރު ، މެއިމަހުގައި ލަންކާގެ ދާހިލީ ހަނގުރާމަ ނިމުމުންނެވެ.