މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ފާސްކުރި ބިލް ތަސްދީގު ނުކުރެއްވުމަށް އެދިއްޖެ
ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލު މިހާރު އޮތް ގޮތަށް ތަސްދީގު ނުކުރެއްވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން އެދިއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކުރި ހެއް ކާބެހޭ ބިލުގައިވާ ގޮތުން ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ކުށްތަކުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ކޯޓަށް އެންގިދާނެއެވެ. އެހެން ނަމަވެސް މަސްދަރު ހާމަނުކުރުމުގެ ހައްގު ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދެއެވެ.
ބިލު މިހާރު އޮތް ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް މީޑިއާ ކައުންސިލުން ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާއަށް އިބްރާހިމް މުހައްމަދު ޞާލިހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ހެއްކާ ބެހޭ ބިލު މިހާރު އޮތް ގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހަނިވެގެންދާނެ ކަމަށެވެ. އަދި އެ ބިލު ތަސްދީގު ނުކުރައްވައި މަޖިލީހަށް އަނބުރާ ފޮނުވައިލެއްވުމަށް މީޑިއާ ކައުންސިލުން ފޮނުވި ސިޓީގައި ވަނީ އެދިފައެވެ.
މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ބިލު ފާސްކުރުމުން ނޫސްވެރިން ވަނީ މަޖިލިސް އިދާރާ ކައިރީގައި އިހުތިޖާޖު ވެސް ކޮށްފައެވެ.