ޒަރޫރީ ބޭނުމެއްނެތި ގޭގެއަށް ޒިޔާރަތް ނުކުރަން އަންގައިފި
ޒަރޫރީ ބޭނުމެއްނެތި ގޭގެއަށް ޒިޔާރަތް ނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އަންގައިފިއެވެ.
ޒަރޫރީ ބޭނުމެއްނެތި ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓާލަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގަވައިފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ މިރެއިން ފެށިގެން ޒަރޫރީ ބޭނުމެއްނެތި ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓާލަން އަންގާ ކަމަށެވެ. މީގެ އިތުރުން މިރެއިން ފެށިގެން މަނާކަންކަން ޑިރެކްޓަރު ޖެނެރަލްގެ އެންގުމުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން މާލެ ސަރަހައްދަށް ރޭގަނޑު 10 ކުން ފަތިހު 5 ބޭރަށް ނިކުމެ އުޅުމާއި މާލޭ ސަރަހައްދުގައި ހިންގާ ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ރޭގަނޑު 9:30 ބަންދުކުރުމާއި މާލޭ ސަރަހައްދުގައި އެއްފަހަރާ ފަސް މީހުނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާ ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. އަދި ރަށްރަށުން މާލެއަށް އައުން މަނާ ކުރުމާއި މާލޭން ރަށްރަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެ ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު މާސްކު އެޅުން މަޖުބޫރުކޮށް އޮފީހަށް ނެރެގެން މަސައްކަތް ކުރާ މުވައްޒަފުން އަދަދު 50 ޕަސަންޓަށް ދަށް ކުރުންވެސް ވަނީ އަންގާފައެވެ.
މި އެންގުންތަކުން އިސްތިސްނާވާނީ ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒިފުންނާއި އެ މުވައްޒިފުން ދުއްވާ ވެހިކަލް، އެމްބިއުލަންސް، އެޗްއީއޯސީގެ ފާސް ލިބިފައިވާ މީހުން، ފަތިސް ނަމާދަށް މިސްކިތަށްދާ މީހުންނެވެ.
ކާފިއު ހިންގުމުގެ އިތުރުން މާލޭ ސަރަހައްދުގައި އެއްވެސް ވަގުތެއްގައި އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނައިން މީހުން އެއްވެ އުޅުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ.
ވަކި ގަޑިތަކެއްގައި މާލެ ސަރަހައްދުގައި ކާފިއު ހިންގަން ނިންމާފައިމިވަނީ މާލެ ސަރަހައްދުގައި ކޮވިޑްގެ ނުރައްކާ ބޮޑުވާން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ދުވަހަކަށް ދުވަހަކަށް އިތުރުވަމުންދާއިރު، މިއަދު އެކަނި ވެސް ވަނީ 153 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.