ދުނިޔެ

ތޫފާނާ އެކު ޗައިނާގެ ބައެއް ސަރަހައްދުތައް ފެނުގެ އަޑީގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗަބާގެ ނަމުން ނަންދީފައިވާ ބާރުގަދަ ތޫފާނެއް ޗައިނާގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިފިއެވެ.

Ads by Sosun Fihaara

މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ޗައިނާގެ ދެކުނުގެ އައްސޭރިފަށުގައިވާ ގުއަންގްޑޮންގް ޕުރޮވިންސަށެވެ. މި ތޫފާނަށް ނަން ދީފައި ވަނީ ތައިލެންޑުންނެވެ. ތައިލެންޑު ބަހުން ޗަބާގެ މާނައަކީ ސައި މަލެވެ.

މި ތޫފާނުގެ އަސަރު އެންމެ ފުރަތަމަ ކޮށްފައި ވަނީ ގުއަންގްޑޮންގްގެ ވެރިރަށް މައޮމިންގ ސިޓީއަށެވެ. ގުއަންޑޮންގަށް ގަދަ ވަޔާއެކު ރެކޯޑް މިންވަރަކަށް ވާރޭ ވެހޭނެ ކަމަށް ޗައިނާގެ ޤައުމީ މޫސުމީ އިދާރާއިން ބުނެއެވެ. އަދި، އެ ސަރަޙައްދަށް 600 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވާނެކަމުގެ އިންޒާރު ވަނީ ކޮށްފައެވެ.

މި ތޫފާނާ އެކު ބިންގަނޑު ކަނޑައިގެން ދިޔުމާއި ކިސަޑު ފޭބުމުގެ ހާދިސާތައް ކުރިމަތިވާނެ ކަމަށް ވެސް ލަފާ ކުރެވޭތީ، ގުއަންގްޑޮންގް ކައިރީގައި އޮންނަ ހައިނާން ޕުރޮވިންސު ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. އެ ޕުރޮވިންސުގައި ރޭލު ދަތުރުފަތުރާއި ވައިގެ އުދުހުންތައް ވެސް ވަނީ މެދުކަނޑައިލައިފައެވެ.

މި ތޫފާނާ ގުޅިގެން މިހައިތަނަށް ހިނގާފައިވާ އެކި ހާދިސާތަކުގައި އެކަކަށް ވަނީ އަނިޔާވެފައެވެ. އަދި، ހޮންގްކޮންގްގެ އައްސޭރިފަށުގައި ތިރީސް މީހުންނާ އެކު ދަތުރު ކުރަމުންދިޔަ އުޅަނދެއް ބިންދައިގެން ގޮސް، އޭގައި ދަތުރު ކުރަމުން ދިޔަ މީހުން ވަނީ ކަނޑުވެފައެވެ. އެ މީހުން ހޯދުމަށް ޗައިނާގެ ކޯސްޓްގާޑުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!