ޚަބަރު އިޖުތިމާޢީ

މަގު ހެދުމުގެ މަޝްރޫއު 84 މިލިއަނަށް އާރްޑީސީއާ ހަވާލުކުރުމަކީ ކޮރަޕްޝަން: މޭޔަރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޑރ.މުޙައްމަދު މުޢިއްޒު --ދެން އިމޭޖްސް

84 މިލިއަން ރުފިޔާއަށް މާލޭ އަމީނީމަގު ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރުމަކީ ކޮރަޕްޝަންކަމަށް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

''މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް''ގެ ދަށުން އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމަށާއި އެހެނިހެން ބައެއް މަގުތައް މަރާމާތުކުރަން ސިޓީ ކައުންސިލުން އާރްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ނޮވެމްބަރުގައެވެ.

އެ ގޮތުން އަމީނީމަގުގައި ތާރު އަޅަން މާލޭ ސިޓީ ކައުންސިލުން އާރްޑީސީއާ ހަވާލުކޮށްފައި ވަނިކޮށް އެ މަސައްކަތް ކުރިއަށްނުދާކަމަށް ބުނެ ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަގު ހަދަން ޕްލޭނިންގ މިނިސްޓްރީން އިއްޔެ ވަނީ ހަމަ އެ ކުންފުންޏާ ހަވާލުކޮށްފައެވެ.

އެ މަަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 84 މިލިއަން ރުފިޔާއަށެވެ.

އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ މާލޭގެ މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލުގެ އަތުން އަތުލައިފައި ވަނީ ކެބިނެޓުން އެ ގޮތަށް ނިންމުމުންކަމަށް މިނިސްޓްރީން އަންގައިފައިވާ ކަމަށެވެ. އަދި އެއީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް ސަރުކާރުން ހިންގި ކަމެއްކަމަށް މޭޔަރު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުގެ އަތުން މަޝްރޫއު އަތުލި ސަބަބެއްކަމަށް އޮތީ އެކަށީގެންވާ ގޮތަށް އެ މަސައްކަތް ކުރުމަށް ކައުންސިލުން އިހުމާލުވެފައިވާކަމަށް ބުނެއެވެ.

މޭޔަރު ވިދާޅުވީ ކައުންސިލުން އާރްޑީސީއާއެކު 39 މިލިއަން ރުފިޔާއަށް ސޮއިކޮށްފައި ވަނިކޮށް މިިނިސްޓްރީން އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ދެގުނަ ބޮޑުކޮށް ކަމަށެވެ.

''މަޝްރޫއު 39 މިލިއަނަށް ހަވާލުކޮށްފައި އޮއްވާ 84 މިލިއަނަށް ހަވާލުކުރީމަ ދެން މިއަށް ކިޔާނީ ކޮރަޕްޝަން ނޫން ވަކި ކޮން އެއްޗެއްތޯ''

މޭޔަރު ވިދާޅުވީ ކައުންސިލުގެ އަތުން މަޝްރޫއު އަތުލި ނަމަވެސް އެކަން ކުރަންވާނީ ގާނޫނީ ހަމަތަކުގެ ތެރެއިން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!