"ސޭވް އަ ޑަޔަބެޓިކް ޗައިލްޑް" ޕްރޮގްރާމަށް ސްޓެލްކޯގެ އެހީތެރިކަން
ޑަޔަބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސުން ހިންގަމުން އަންނަ "ސޭވް އަ ޑަޔަބެޓިކް ޗައިލްޑް" ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދޭން ސްޓެލްކޯއިން އެއްބަސްވެއްޖެއެވެ.
ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މިއަދު ޑައެބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއާ އެކު އެ ސޮސައިޓީގެ "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ސޮޕޮންސަރކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފައެވެ.
ސްޓެލްކޯގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ. އަދި ޑަޔަބެޓިކް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްއިއްޔާގެ ޗެއަރޕަރސަން އާއިޝަތު ޝިރުހާނާއެވެ.
"ސޭވް އަ ޑަޔަބެޓިކް ޗައިލްޑް" ޕްރޮގްރާމް ހިންގަމުން އައީ ޑަޔަބެޓިކް ސޮސައިޓީން އަމިއްލައަށެވެ. އެގޮތުން، ބޭރުގެ އެހީގެ ދަށުން، ހަކުރު ބަލި ހުންނަ މީހުންނަށް ބޭނުންވާ އިންސިއުލިން ފޯރުކޮށްދޭއިރު، ހިލޭ ޚިދުމަތްދޭ ކްލިނިކެއް ވެސް ވަނީ ހުޅުވައިފައެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވީ، "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ހިންގުމަށް ޓަކައި ދޭންޖެހޭ ހުރިހައި ބާވަތެއްގެ އެއްބާރުލުމެއް ފުރިހަމަކަމާ އެކު ދެއްވާނެ ކަމަށާއި، ސްޓެލްކޯއަކީ ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ޓަކައި އުފައްދައިފައިވާ ކުންފުންޏެއް ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އިޖުތިމާއީ ސިޔާސަތުގެ ތެރޭގައި، އެއްވެސް ޖަމާތެއް ނުވަތަ ބައެއް ނުވަތަ މީހަކު ހަވާސާވެގެން ގޮސް ބާކީވެ ދިއުމަކީ އެއްވެސް ހާލެއްގައި ރައީސުލް ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ނޫން." ޝަރީފް ވިދާޅުވިއެވެ.
"ހުރިހައި ބާވަތެއްގެ އެހީތެރިކަން އަޅުގަނޑުމެން ފޯރުކޮށްދޭނަން. މި ކުންފުންޏަކީ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްކުރުމަށް އުފައްދައިފައިވާ ކުންފުންޏެއް. އެހެންވީމަ ރައްޔިތުންނަށް ދިމާވެފައި ހުރި އުދަނގޫތަކާ، ދިމާވެދާނެ ކަންކަމަށް ރިއާޔަތްކޮށް އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދެނީ. އަޅުގަނޑުމެން އެސްއޯއީތަކުން ހަވާސާވެގެންދާ ފަރާތްތަކާ މެދު އަޅައިލުން ވަރަށް މުހިންމު."
ޑަޔަބެޓިކް ސޮސައިޓީގެ ޗެއަރޕަރސަން އާއިޝަތު ޝިރުހާނާ ވިދާޅުވީ، ކުރިން އަމިއްލައަށް އެ ޕްރޮގްރާމް ހިންގިނަމަވެސް 2020 ވަނަ އަހަރު އެ ޖަމްއިއްޔާގެ މާލީ ހާލަތު ދަށްވެ ޕްރޮގްރާމް ހިންގުމުގައި ދަތިތަކާ ދިމާވެފައިވާކަމަށެވެ. މިއާ އެކު އެ ޕްރޮގްރާމް ހިންގުމަށް އެކި ފަރާތްތަކުގެ އެހީއަށް އެދިފައިވާކަމަށާއި، އެކަމަށް ސްޓެލްކޯއިން އިޖާބަދިނުމުން ޝުކުރުވެރިވާކަމަށް އޭނާ ވިދާޅުވިއެވެ.