ކޮވިޑް ޖެހިގެން އެޑްމިޓްކުރި މީހުންގެ އަދަދު 100 އިން މައްޗަށް!
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 105 އަށް އަރައިފި އެވެ.
އިއްޔެއާ ހަމައަށް ކޮވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ހުރީ 92 ގައެވެ. މިއަދު އެ ބައްޔަށް އިތުރު 153 މީހުން ފައްސިވެފައިވާއިރު، 105 މީހުނަށް ފަރުވާ ދެމުން އަންނަނީ އެޑްމިޓް ކޮށްގެންނެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑަށް ފައްސިވާ މީހުން އެޑްމިޓް ކުރުމަށް ހުރީ 343 އެނދު ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފަ އެވެ.
އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ގާއިމްކޮށްފައިވާ 250 ޖާގަ އާއި ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ އާއި 16 ވަނަ ފަންގިފިލާގައި ހުރި 18 އެނދުގެ އިތުރުން ފަސް އަތޮޅެއްގައި ގާއިމްކޮށްފައި ހުރި ކޮވިޑް ފެސިލިޓީގައި ހުރި 77 ޖާގަ އެވެ.
އޭގެ އިތުރުން އަތޮޅުތަކުން ފައްސިވާވާ މީހުން އެކަހެރި ކުރުމަށް އެ ފަސް ފެސިލިޓީގައި 105 ޖާގަ ހުންނާނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.