ކަޝްމީރުގައި އާއްމުން ނިކުމެ، ޓެރެރިސްޓަކު ހައްޔަރުކޮށް ފުލުހުންނާ ހަވާލުކޮށްފި
![](https://dhen.mv/wp-content/uploads/2022/07/Udsfdsntitled-120220703194237.webp)
ކަޝްމީރުގެ އިންޑިއާ ފަޅީގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށް ހޯދާ ނުފެނިފައިވާ ޓެރެރިސްޓުންގެ ދެ މީހަކު، އާއްމުން ނިކުމެ ހޯދައި ފުލުހުންނާ ހަވާލުކޮށްފިއެވެ.
ޖަންމު އެންޑް ކަޝްމީރު ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ޓެރަރިސްޓުން ހިޔާވެހިކަން ހޯދަން ގޮސްފައި ވަނީ ކަޝްމީރުގެ ޓޫކްސަން ދޮކް އަވަށަށެވެ. އެއީ އެ މިީހުން ހޯދުމަށް ފުލުހުންނާއި ސިފައިންގެ މެދުނުކެނޑި އޮޕަރޭޝަންތައް ކުރިޔަށް ގެންދިއުމުންނެވެ. ފުލުހުން ހޯދަމުން ދިޔައީ ރާޖޫރީގެ ތާލިބު ހުސެއިންއާއި ފައިސަލް އަހުމަދު ދާރު ކިޔާ މީހެކެވެ.
އެ މީހުން ފުލުހުންނާ ހަވާލުކުރި އިރުު، އެ މީހުން އުޅުނު ގެތަކުން ފުލުހުންގެ ބެލުމުގެ ދަށަށް އޭކޭ ދެ ރައިފަލާއި ހަތް ބޮމާއި ފިސްތޯލައެއްގެ އިތުރުން ގިނަ ޢަދަދެއްގެ ވަޒަންތަކެއް ވަނީ ގެންގޮސްފައެވެ.
ޖަންމު އެންޑް ކަޝްމީރުގެ ލެފްޓިނެންޓް ގަވަރުނަރު މަނޯޖް ސިންހާ ވަނީ މި ކަމާ ގުޅިގެން، ޓޫކްސަން ދޮކް ރައްޔިތުންގެ ހިތްވަރަށް ސެލިއުޓް ކުރައްވައިފައެވެ. އަދި ނުރައްކާތެރި ޖަމާއަތެއް ކަމަށްވާ ލެޓްގެ ދެ ޓެރަރިސްޓުން ހައްޔަރުކުރި ރަށުގެ ހިތްވަރުގަދަ ރައްޔިތުންނަށް ފަސް ލައްކަ ރުފިޔާގެ އިނާމެއް ދޭނެކަން އޭނާ ވަނީ އިއުލާން ކުރައްވައިފައެވެ.
"މިފަދަ ޢަޒުމެއް ޢާއްމު މީހާގެ ކިބައިން ފެންނަ ނަމަ ޓެރަރިޒަމް ނިމުމަކަށް އައުމަކީ މާދުރު ކަމެއް ނޫން." ސިންހާ ވިދާޅުވިއެވެ.