ކޮވިޑް19: ޖަރުމަނަށް ދެވަނަ ރާޅެއް، ރައްޔިތުން ފަރުދީ ޒިންމާ އަދައެއް ނުުކުރޭ

ޖަރުމަނުވިލާތަށް ކޮވިޑް19 ގެ ދެވަނަ ރާޅެއް އަރާފައިވާ ކަމަށް ކަމާބެހޭ މާހިރުން ބުނެފިއެވެ. އެގައުމަށް ދެވަނަ ރާޅެއް އަރާފައި މިވަނީ ވައިރަހުގެ ކޭސްތައް މަދުވެ، ގައުމު އަލުން ހުޅުވާލުމަށް ފަހުގައެވެ. އެގޮތުން އެ ގައުމުގައި އިޖުތިމާއީ ގައިދުރުކަން އޮތް މިންވަރު ގިނަ ބަޔަކު ފާހަގަ ވެސް ކޮށްފައިވެއެވެ.
ނަމަވެސް ގައުމު އަލުން ހުޅުވާލުމާއެކު، އެގައުމުގެ ރައްޔިތުން މާސްކު އެޅުމާއި، އަތް ދޮވުމާއ،ި އިޖުތިމާއީ ގައިދުރުކަމަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަން އެގައުމު ޑޮކްޓަރުން ވަނީ ފާހަގަކޮށްފައެވެ.
އެއާއެކު އެގައުމުގައި ކޮވިޑް19 ޖެހޭ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެގޮތުން ކުރިން ދުވާލެއްގެ މައްޗަށް 200 މީހުން ކޮވިޑަށް ފައްސިވަމުން އައި ނަމަވެސް އެ އަދަދު މިހާރު ވަނީ 800 އަށް ވުރެ ގިނަ ވެފައެވެ.
ގައުމުތައް ލޮކްޑައުން އަށް ފަހުން އަލުން ހުޅުވާލުމާއެކު، ވައިރަހުގެ ދެވަަނަ ރާޅުތައް އަރަމުންދާކަން ފާހަގަކޮށްލެވެއެވެ.