ބެއިރޫތު ހާދިސާ: ދިރި ހުރި ކަމަށް ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވޭ
ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ބާރުގަދަ އެއްޗެއް ގޮވައި އެތައް ހާސް ބަޔަކަށް މި ވަނީ އެކަމުގެ އަސަރުކޮށްފައެވެ. މިހާތަނަށް 70 އަށް ވުރެ ގިނަ މީހުން މި ހާދިސާގައި މަރުވެފައިވާއިރު، ހާދިސާއިން ސަލާމަތްވި ބައެއް މީހުން އަންނަނީ އެމީހުންގެ ވާހަކަތައް ހިއްސާކުރަމުންނެވެ.
އެގޮތުން ހާދިސާއިން ސަލާމަތްވިި މީހެއް ކަމަށްވާ ނަދާ ހަމްޒާ ބުނި ގޮތުގައި އޭނާ މަސައްކަތް ކުރާ އޮފީހަކީ ހާދިސާ ހިނގި ޕޯޓާއި ވަރަށް ކައިރީގައި ހުންނަ ތަނެއް ކަމަށެވެ. އަދި އޮފީހުން ގެއަށް ދާން ނިކުންނަނިކޮށް، ބާރުގަދަ އަޑުފަށްގަނޑެއް އިވުނުކަމަށާއި އޭނާ އަވަހަށް ގޮސް ކާރަށް އަރައި ދުއްވާލީ ކަމަށެވެ.
އަދި ސިކުންތުކޮޅެއްގެ ތެރޭގައި ދެން ފެނުނީ އޭނާ މަސައްކަތް ކުރާ އޮފީހުގެ އިމާރާތް ބިމާ ހަމަވެފައިވަނިކޮށް ކަމަށް ނަދާ ބުނެފައިވެއެވެ. އަދި އަވަހަށް ކާރަށް އެރުނުކަމީ އޭނާގެ ނަސީބު ކަމަށާއި ފުރާނަ ސަލާމަތްވީ ކިހިނެއް ކަން ގަބޫލުވެސް ނުކުރެވޭ ކަމަށް ނަދާ ބުނެފައިވެއެވެ.
ބެއިރޫތު ނޫން އެހެން ހިސާބުތަކަށް ވެސް ވަނީ މި ގޮވުމުގެ އަސަރުކޮށްފައެވެ. އެގޮތުން ލުބުނާނުގައި ހަނގުރާމައިގެ ދުވަސްވަރު ވެސް ޙަރަކާތްތެރިވެ އުޅުނު ނާސިރު ޔާސީން ބުނެފައިވާ ގޮތުގައި މިހާ ބާރުގަދަ ގޮވުމެއް އޭނާ ދުވަހަކު ވެސް ދެކެފައިނުވާ ކަމަށެވެ. އަދި މިއީ މިހާތަނަށް ލުބުނާނުގައި ހިނގި މިފަދަ އެންމެ ބޮޑު ހާދިސާގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.
ލުބުނާނުގެ އޮފިޝަލުން ބުނާ ގޮތުގައި މި ހާދިސާ ގައި މަރުވި މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ. މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ޓީމްތައް އަންނަނީ ވެއްޓިފައިވާ އިމާރާތްތައް ނަގާ އެތަނުގެ ދަށުގައި އެއްވެސް މީހަކު ވޭތޯ ބަލަމުންނެވެ. އަދި ބައިރޫތުގެ ހޮސްޕިޓަލްތައް ފުރުމުން ޒަހަމްވި މީހުންނަށް ފަރުވާދިނުމަށް ސިޓިން ބޭރަށް ގެންދާކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
ހަބަރުތައް ބުނާ ގޮތުން ބައިރޫތުގައި ބާރުގަދަ އެއްޗެއް ގޮވާފައި މިވަނީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު ރަފީޤު ހަރީރީ އަވަހާރަކޮށްލި މައްސަލާގައި ހުކުމް އިއްވަން ތައްޔާރުވެފައިވަނިކޮށެވެ.
ބައިރޫތުގައި މި ގޮއްވި ގޮވުންތަކީ ފަހުގެ ތާރީހެއްގައި އެ ޤައުމުގައި ގޮވި އެންމެ ބާރު ގަދަ ގޮވުންތަކެވެ. މި ގޮވުމުގެ އަޑު އެ ޤައުމާއި 150 މޭލު ދުރުގައި އޮންނަ ސައިފްރަސްއާއި ހަމައަށް އިވުނުކަމަށް ހަބަރުތައް ބުނެއެވެ.