ޚަބަރު

އަރާފަތު ދުވަހަކީ ދުއާ އިޖާބަކުރެއްވުމުގެ ދުވަސް:ހުކުރު ޚުތުބާ

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

އަރާފަތު ދުވަހަކީ ދުއާ އިޖާބަ ކުރެއްވުމުގެ ދުވަހެއްކަން ފާހަގަކޮށް މިއަދު ގިނަގިނައިން ދުއާ ކުރުމަށް ހުކުރު ޚުތުބާގައި ގޮވައިލައިފިއެވެ.

Ads by STELCO

'ޢަރަފާތު ދުވަހުގެ މާތްކަން' ސުރުޚީއަށް މިއަދު އިއްވި ޚުތުބާގައި ބުނީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެއް ކަމަށެވެ. އަދި މިއީ ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމުގެ ދުވަސްތައް ކަމަށެވެ.

ދުވަސްތަކުގެ ތެރޭގައި ހިމެނޭޭ އެންމެ މާތް ދުވަހަކީ ޙައްޖު ދުވަސްކަން ފާހަގަކޮށް ޙުތުބާގައި ބުނީ ޙައްޖު ދުވަހަކީ ފާފަ ފުއްސެވުމާއި ޢަފޫ ކުރެއްވުން އަދި ނަރަކައިން ދިންނަވައި މުއްތިކުރެއްވުމުގެ ދުވަސް ކަމަށެވެ.

ހުތުބާގައި ބުނީ އަރަފާތު ދުވަހަކީ ހައްޖުގެ އަޅުކަމުގެ އެންމެ މަތިވެރި ރުކުން އަދާކުރާ ދުވަސް ކަމަށެވެ. އެގޮތުން އެންމެހައި ހައްޖުވެރިން ﷲ ތައާލާގެ ރަހުމަތް ދެއްވުމަށް އެދި ދުއާ ކުރާ ކަމަށް ޚުދުބާގައި ފާހަގަކުރިއެވެ.

އަރަފާތު ދުވަހުގައި ގިނަގިނައިން ފާފަ ފުއްސެވުމަށް އެދި ދުއާ ކުރަން އަންގާފައިވާކަން ފާހަގަކުރައްވައި ހުތުބާގައި އިތުރަށް ބުނީ ﷲގެ ހަޒްރަތުގައި ދުއާ ދެންނެވުމަކީ މަތިވެރި ވެގެންވާ ކަމެއް ކަމަށެވެ.

"އަރަފާތު ދުވަހަކީ ދުއާ އިޖާބަކުރެއްވުމުގެ ދުވަހެވެ. އެހެންކަމުން އެ ދުވަހު ގިނަގިނައިން ދުއާ ދަންނަވަން ޖެހެއެވެ." ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް އަޟްހާ އީދު ފާހަގަކުރުމުގައި ކުޅިވަރުތައް ކުޅެ، އުފާ ފާޅުކުރަން ޖެހޭނީ އިސްލާމީ ހަމަތަކާއި އަޚުލާގީ އިމުން ބޭރު ނުވާ ގޮތަށް ކަން ވެސް ހުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ.

އެގޮތުން ޢީދު ދުވަހު އުފާކުރުމާއި، އުފާފާޅުކުރުމަކީ ހުއްދަ ކަމެއް ނަމަވެސް އެ ކަންކުރަން ވާނީ އަމިއްލަ ނަފުސާއި އެހެން މީހުންނަށް ގެއްލުމާއި އުނދަގޫ ނުވާނެ ގޮތަށް ކަމަށާއި އާއްމު މަސްލަހަތަށް ޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކާ ވެސް ޚިލާފު ނުވާ ގޮތުގެ މަތިން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!