ދުނިޔެ

ރަޝިއާއަށް ފިއްތުންތައް ކުރިމަތި ކުރަން ޗައިނާއަށް ބާރު އަޅާނަން: އެމެރިކާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިޔާއިން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރަޝިޔާއަށް ފިއްތުންތައް ކުރިމަތިކުރުމަށް ޗައިނާއަށް ބާރު އަޅާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

Ads by Sosun Fihaara

އެމެރިކާއިން މި ކަން ހާމަކޮށްފައި މި ވަނީ ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބޭއްވި ބައްދަލުވުމަކާ ގުޅުވައިގެންނެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެންއާއި ޗައިނާގެ ޚާރިޖީ ވަޒީރު ވޮންގް ޔީއާ ދެމެދު މަޝްވަރާތައް ބޭއްވީ މިހާރު އިންޑޮނީޝިޔާގެ ބާލީގައި ކުރިއަށްދާ ޖީ20ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައެވެ.

މިއީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހަށް ފަހު މި ދެ ބޭފުޅުން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، ދެ ޤައުމުގެ ދެމެދުގައި ހީނަރުވެފައިވާ ގުޅުން ބަދަހި ކުރުމާއި، ރަޝިޔާއިން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓުވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. އަދި، ދުނިޔެއަށް މި ވަގުތު ކުރިމަތިވެފައިވާ ހަކަތައާއި ކާބޯތަކެތީގެ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކެއް ހޯދުމެވެ.

މީގެ އިތުރުން ތައިވާނުގެ މިނިވަންކަން ދެމެހެއްޓުމާއި، ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތައް ހުއްޓައިލުމާ ގުޅޭ ގޮތުން ވެސް ބްލިންކެން ވާހަކަފުޅު ދައްކަވައިފައިވާ ކަމުގައި އެމެރިކާއިން ބުނެއެވެ. އަދި، ނޮވެންބަރު މަހު ބާއްވާ ޖީ20ގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަނާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގާ ދެމެދު މަޝްވަރާތަކެއް ބޭއްވުމަށް ވެސް އެމެރިކާއިން ހުށަހެޅިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުގެ ގޮތުގައި ބެލެވޭ އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވީ ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި ހިންގާ ވިޔަފާރީގެ ގުޅުންތަކަށް ލޮޅުން އަރައިފައެއް ނުވެއެވެ. އަދި، ދެ ޤައުމުން ވެސް ވަނީ ކަންކަމުގައި މަޝްވަރާ ކުރުން ހުއްޓައި ނުލަން އެއްބަސްވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!