ދުނިޔެ

ޙައްޤުތައް ހޯދަން މަގުތަކަށް ނިކުތް ޗައިނާ އާއްމުންނާ ދެކޮޅަށް ނުބައްދަލު ބާރުގެ ބޭނުންކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ބޭންކްތަކުގައި އާއްމުން ރައްކާކޮށްފައި ހުރި ފައިސާތައް ފްރީޒްކޮށްފައި ހުރި ހުރުން ނިމުމަކަށް ގެނައުމަށް ގޮވައިލައި ޗައިނާގައި މިހާރު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ އާދީއްތަ ދުވަހު ބޭއްވި މުޒާހަރާގައި އެކަށީގެންވާ ވަރަށް ވުރެ އިތުރަށް ބާރުގެ ބޭނުންކޮށްފިއެވެ.

Ads by WAMCO

އޭޕްރީލް މަހުން ފެށިގެން ޗައިނާގެ މެދުތެރޭ ހެނާން ޕްރޮވިންސްގެ ހަތަރު އަވަށެއްގެ ބޭންކުތަކުން އެތައް މިލިއަން ޑޮލަރެއްގެ އާއްމުންގެ ފައިސާ ވަނީ ފްރީޒްކޮށްފައެވެ. މި ގޮތަށް ޗައިނާގެ ފަގީރު ހިސާބުގެ ބޭންކްތަކުގައި ހުރި ފައިސާ ފްރީޒްކޮށްފައި ވަނީ، އިޤްތިޞާދަށް އައި ލޮޅުންތަކުގެ ސަބަބުންނެވެ. ޗައިނާގައި އަމަލު ކުރަމުން އަންނަ ޒީރޯ ކޮވިޑް-19 ޕޮލިސީގެ ދަށުން މިހާރު ވެސް ކޮވިޑް ލޮކްޑައުންތަކުގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމާ އެކު، މި ހަތަރު ބޭންކް ވަނީ ބޭންކްރަޕް ވުމުން ދުރުވާން، ޑިޕޮސިޓްތައް ފްރީޒްކޮށްފައެވެ. ފްރީޒްކޮށްފައި ފައިސާއަކީ ލައްކައެއްހައި ކަސްޓަމަރުންގެ ފައިސާއެވެ.

ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ހެނާންގެ ވެރިރަށް ޒެންގްޒޯ ސިޓީގައި ގިނަ މުޒާހަރާތަކެއް ކުރި ނަމަވެސް އެމީހުންގެ ޑިމާންޑްތަކަށް ސަރުކާރުން ވަނީ ބީރު ކަންފަތެއް ދީފައެވެ.

މި މުޒާހަރާއަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ފަހުން ޗައިނާއަށް ފެނުނު އެންމެ ބޮޑު މުޒާހަރާތަކުގެ ތެރޭގައި ހިމެނޭ މުޒާހަރާއެކެވެ. މިދިޔަ މަހު ޒެންގްޒޯގެ ކަމާބެހޭ ފަރާތްތަކުން އެގައުމުގެ ޑިޖިޓަލް ކޮވިޑް ހެލްތު-ކޯޑް ނިޒާމު ބޭނުންކޮށް މުޒާހަރާކުރާ ކަމަށް ޝައްކު ކުރެވޭ މީހުން ދަތުރުކުރުން ހަނިކޮށް، އެމީހުން ރާވައިފައިވާ މުޒާހަރާ ނާކާމިޔާބު ކުރުމަށް މަސައްކަތްކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ފައްސާލުމަށް އެ ޕްރޮވިންސްގެ ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައެވެ. އަދި ގިނަ ބަޔަކު މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާ އިރު، މުޒާހަރާގެ ގިނަ ބައިވެރިންނަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!