ކ.ގުރައިދޫގެ ޢީދު ކުޅިވަރުތައް ނިންމާލައިފި, އެހީވެދިން ފަރާތްތަކަށް ކައުންސިލުގެ ޚާއްސަ ޝުކުރެއް

ކ.ގުރައިދޫ ބޮޑުއީދު ކާމިޔާބުކަމާއެކު ނިންމުމަށް އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް އެ ރަށު ކައުންސިލުން ޝުކުރު ދަންނަވައިފިއެވެ.
މި ފަހަރުގެ އަޟްޙާ ޢީދުގެ ހަރަކާތްތައް އެންމެ ކުލަގަދަކޮށް ކުރިއަށްގެންދިޔަ ރަށްތަކުގެ ތެރޭގައި ގުރައިދޫ ހިމެނެއެވެ.
އެ ގޮތުން މި ޢީދުގައި ރާއްޖޭގެ މަޝްހޫރު އެކިއެކި ފަންނީ ގުރޫޕުތަކުގެ ހަރަކާތްތައް ވަނީ ދައްކައިލައިފައެވެ.

ގުރައިދޫގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: ގުރައިދޫ ކައުންސިލް
މިފަދަ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނީ ގިނަ ބައެއްގެ އެހީތެރިކަމާއެކުގައެވެ. އެ ގޮތުން ގުރައިދޫ ކައުންސިލުގެ ރައީސް ޙުސައިން ޔާމިން މުޙައްމަދު ވަނީ ކާމިޔާބުކަމާއެކު ޢީދު ނިންމާލުމަށް އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވައިފައެވެ.

ގުރައިދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: ގުރައިދޫ ކައުންސިލް
މީގެ އިތުރުން ގުރައިދޫގެ ޒުވާނުންނާއި ފުޓުބޯޅަ ޓީމުން ރަށުތެރެ ޒީނަތްތެރި ކުރުމުގައި ދިން އެއްބާރުލުން ކައުންސިލުން ފާހަގަ ކުރެއެވެ. އަދި ސްޕޮންސަރުންނާއި ވަކިން ޚާއްސަކޮށް ކައުންސިލުގެ މުވައްޒަފުން ވެދެއްވި އެހީތެރިކަން ވެސް ކައުންސިލުން ފާހަގަ ކުރެއެވެ.
ރަށުގެ ގެސްޓު ހައުސްތަކާ ހުރިހާ ވިޔަފާރިތަކަށް ކައުންސިލުންވަނީ ޚާއްސަ ޝުކުރެއް ދަންނަވައިފައެވެ. އަދި ޝޯތަކުގައި ހަރަކާތްތެރިވި ފަންނާނުންނާއި ސްޓޭޖު ތައްޔާރު ކުރުމަށް އެހީތެރިވި ފަރާތްތަކަށް ވެސް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން ކައުންސިލުން ވަނީ ޢީދަށް ރަށަށް ޒިޔާރަތްކުރި މެހެމާނުން އަލުން އެ ރަށަށް ދިއުމަށް ދަޢުވަތު ވެސް ދީފައެވެ.