ޔާސިރު ޔަޙްޔާ އާއެކު ސަރުކާރަށް ދިވެހީން ކުރި އިތުބާރު ވެސް ވަޅުލެވުނީތަ؟
ރާއްޖޭގައި ދިރިއުޅުނު ޔަމަނުގެ ރައްޔިތެއް ކަމަށްވާ ހ. އިސްވަޑިގެ ޔާސިރު ޔަޙްޔާ ޞާލިޙު ނިޔާވި ޚަބަރު ރާއްޖޭގެ ގިނަ ބަޔަކު އަޑުއެހީ ފުން ހިތާމައާއެކުގައެވެ. އުމުރުން 45 އަހަރުގެ ޔާސިރުގެ ހަށިގަނޑު މިއަދު އާސަހަރާގައި ވަޅުލާފައިވާއިރު، އޭނާ ނިޔާވެފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގެ ހަވީރު 16:25 ހާއިރު އައިޖީއެމްއެޗް ގައެވެ.
ޔާސިރު ނިޔާވުމުގެ ޒިންމާ އުފުލަން ޖެހޭނީ ކުރީ ސަރުކާރާއި މިސަރުކާރު ކަމަށް ގިނަ ބަޔަކު ދެކެއެވެ. ކުރީ ސަރުކާރަށް ތުހުމަތު ކުރެވިފައިވަނީ، އޭނާ ހައްޔަރު ކޮށްފައިވަނީ އެސަރުކާރުގައި ކަމަށް ވާތީއެވެ. އެއިރުވެސް އެއްވެސް ވަރަކަށް އެމައްސަލަ ބަލާފައި ނުވާކަން މީހުން ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް މިސަރުކާރު އައިފަހުން ވެސް ޔާސިރު ޔަހުޔާގެ ޝަރީޢަތް އެއްވެސް ވަރަކަށް ކުރިއަށް ނުގެންގޮސް، ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމުން ގިނަ ބައެއްގެ ފާޑު ކިޔުމާއި ކަންބޮޑުވުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ކޮންމެއަކަސް ޔާސިރު ޔަހުޔާ މިހާރު މިވަނީ އަޅުގަނޑުމެންނާއި ވަކިވެފައެވެ. ނަމަވެސް އޭނާއާއިމެދު ދެކެވުނު ވާހަކަތަކަށް އަލިއަޅުވާލާނަމެވެ.
އެގޮތުން 2017 ވަނަ އަހަރު ހައްޔަރު ކުރި ޔާސިރު ޔަހުޔާއާއި ބެހޭގޮތުން ދިވެހި ސަރުކާރުން ތުހުމަތު ކޮށްފައިވަނީ ޓެރަރިޒަމް ޖަމާޢަތަކާއި ގުޅިގެން ހަނގުރާމަތަކަށް ރާއްޖެއިން މީހުން ފޮނުވާކަމުގެ ތުހުމަތެވެ.
ޔާސިރަކީ ނުރައްކާތެރި ޓެރަރިސްޓު ޖަމާއަތް ކަމަށްވާ، އަލްގައިދާ ޖަމާއަތުގެ އިސް ދައުރެއް އަދާކުރަމުން ދިޔަ އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ޓެރަރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
ނަމަވެސް މީގެން އެއްވެސް ތުހުމަތަކާއި ގުޅިގެން ސަރުކާރުން އެއްވެސް ދައުވާއެއް އޭނާއާއިމެދު ކޮށްފައިނުވާއިރު، އަލްގައިދާއިން ވެސް މިކަމާއި ގުޅޭގޮތުން އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައި ނުވާކަން ގިނަ މީހުން ވަނީ ފާހަގަ ކޮށްފައެވެ.
ޔާސިރު ނިޔާވިއިރު، ހައްޔަރު ކޮށްފައި ހުންނަތާ ތިން އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަލްގައިދާގައި އިސް ދައުރެއް އަދާ ކުރި މީހެއް ކަމުގައިވާނަމަ އެހާ ގިނަ ދުވަހު އެއްވެސް ދަޢުވާއެއް ކޮށްފައި ނުވާއިރު ޞިއްޙީ ހާލު ދެރަވިއިރު ވެސް އެކަމާއި އެޖަމާއަތުން ވެސް އަދި ޔަމަނުން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ނުވާކަން ގިނަ ބަޔަކު ފާހަގަކޮށް ސުވާލު ކޮށްފައިވެއެވެ.
ސަރުކާރުން ޔާސިރު ޔަހުޔާ ހައްޔަރު ކުރިއިރު، އޭނާއަކީ އަޙުމަދިއްޔާގެ ޢަރަބި ޓީޗަރެކެވެ. އެގޮތުން ނަން ހާމަ ނުކުރުމަށް އެދި އޭނާގެ ކުރީގެ ދަރިވަރަކު "ދެން" އަށް މައުލޫމާތު ދެމުން ބުނީ ޔާސިރަކީ ވަރަށް ވެސް އޯގާތެރި ރަނގަޅު މުދައްރިސެއް ކަމަށެވެ.
"ޔާސިރު ސަރ އަކީ ވަރަށް ވެސް އޯގާތެރި ސަރ އެއް. އަބަދުވެސް ދެއްވީ ހެޔޮ ނަސޭޙަތް. ނަމާދު ކުރުމުގެ މުހިންމުކަަން އަބަދުވެސް ފާހަގަ ކުރެއްވި، އަބަދުވެސް ނަމާދު ކުރުމަށް ވެސް ނަސޭޙަތްދެއްވި. ދުވަހަކު ވެސް ހަރުކަށި ފިކުރުގެ އެއްވެސް ވާހަކައެއް ނުދައްކަވާ" އެމީހާ ބުނެފައިވެއެވެ.
މިއީ ތެދެއްކަމަށްވާނަމަ، ސަރުކާރާއި ޔާސިރުގެ ދަރިވަރުން ދައްކާފައިވާ ވާހަކަތައް ދިމަލެއް ނުވެއެވެ.
ދިވެއްސަކާއި ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅުނު ޔާސިރު ޔަހުޔާ އެނބުރި އޭނާގެ ޤައުމަށް ދިޔުމަށް އެންގި ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ޕާސްޕޯޓު ނެތް ކަމަށް އޭނާ ބުނި ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ޔާސިރު ވަނީ އޭނާގެ ކަންބޮޑުވުންތައް ހިއްސާކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ސިޓީއެއް ވެސް ފޮނުވާފައެވެ. އަދި އޭނާގެ އަންހެނުން ވެސް ވަނީ ޔާސިރުގެ ހާލަތު ބަޔާންކޮށް ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ސިޓީއެއް ފޮނުވާފައެވެ.
ކޮންމެއަކަސް ހިތާމައަކީ ޔާސިރު ޔަޙުޔާ އާއި ބެހޭގޮތުން ސަރުކާރުން ކުރި ތުހުމަތުތައް ވެސް ސާބިތު ކޮށްފައި ނެތް ކަމެވެ. އެއްވެސް ޝަރީޢަތެއް ނެތި އާއިލާއާއި ވެސް ދުރުގައި ވަކިން ތަނެއްގައި އޭނާ ބަންދު ކޮށްގެން ގެންގުޅުން ، ގިނަ ބަޔަކު ސިފަ ކޮށްފައިވަނީ ލާއިންސާނީ ޢަމަލެއްގެ ގޮތުގައެވެ. އަދި އޭނާ ނިޔާވި ފަހުން ވެސް، ސަރުކާރުން އޭނާއަކީ ޓެރަރިސްޓު ޖަމާޢަތަކާއި ގުޅުން ހުރި މީހެއްކަމަށް ބުނެ ބަޔާންތައް ނެރުން ވެސް ގިނަ ދިވެހީން ސިފަ ކޮށްފައިވަނީ ވަރަށް ވެސް ހިތާމަހުރި ކަމެއްގެ ގޮތުގައެވެ.
ޔާސިރު ޔަހްޔާގެ މަރުގެ ޒިންމާ ދައުލަތުން އުފުލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާންމުންގެ ގިނަ ބަޔަކު ބުނަމުންދާއިރު ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ އިތުރުން ދަޢުވާއެއް ނެތި ޖަލުގައި ބަންދުކޮށްފައި ތިބި މީހުންނަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެކެވެ.