އިސްރާއީލްގެ ވަރުގަދަ މިސައިލް ހަމަލާތަކެއް ޣައްޒާއަށް
އެމެރިކާގެ ރައީސް ޖޯ ބައިޑަން އިސްރާއީލަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ފުރާވަޑައިގަތުމާ އެކު ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތަކުން ޣައްޒާއަށް ވައިގެ ހަމަލާތަކެއް ދީފިއެވެ. ބައިޑަން އިސްރާއީލަށް ވަޑައިގަންނަވާފައި ވަނީ މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި އޭނާ ވަނީ ހުޅަނގު އައްސޭރީގެ ރާމަاللهއަށް ވަޑައިގަންނަވައި ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާހާ ވެސް ބައްދަލު ކުރައްވާފައެވެ.
އިސްރާއީލުން ބުނީ ވައިގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޣައްޒާގައި ހުރި ހަމާސް ޖަމާޢަތުގެ ރޮކެޓާއި އެހެނިހެން ހަތިޔާރު އުފައްދާ، ރައްކާކުރާ ޢިމާރާތަކަށް ކަމުގައެވެ. އަދި، ހަމަލާ ދިނީ ޣައްޒާއިން އިސްރާއީލަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ފޮނުވައިލުމުން އެ ކަމަށް ރައްދު ދިނުމުގެ ގޮތުން ކަމުގައެވެ.
އިސްރާއީލުގެ ސަރަޙައްދުތަކަށް އަމާޒުކޮށް ޢައްޒާއިން ތިން ރޮކެޓް އުދުއްސައިލާފައިވާ ކަމަށާއި، ވައިގެ ތެރޭގައި ނައްތައިލެވިފައި ވަނީ އެއް ރޮކެޓް ކަމަށް އިސްރާއީލުން ބުނެއެވެ. އަދި، ދެ ރޮކެޓެއް ވެއްޓުނީ ހުސް ބިމަކަށް ކަމަށް ވެސް އިސްރާއީލުން ބުނެއެވެ. މިއީ ހަމާސް ޖަމާޢަތުގެ ހަނގުރާމަވެރިން ދިން ހަމަލާއެއް ކަމަށް އިސްރާއީލުން ތުހުމަތު ކުރި ނަމަވެސް، އެ ޖަމާޢަތުން މި ހަމަލާތަކުގެ ޒިންމާ އުފުލާފައެއް ނުވެއެވެ.
އިސްރާއީލަށް ކުރެއްވި ދަތުރުފުޅުގައި ބައިޑަން ވަނީ އެ ޤައުމުގެ ވަގުތީ ބޮޑުވަޒީރު ޔައިރް ލަޕީދާ ބައްދަލު ކުރައްވާފައެވެ. އަދި ބައްދަލުވުމަށް ފަހު ބައިޑަން ވިދާޅުވީ، ފަލަސްތީނު-އިސްރާއީލުގެ ގަރުނުތަކެއް ވީ މައްސަލައަށް ޞުލްޙަވެރި ޙައްލެއް ހޯދެން އޮތް ހަމައެކަނި މަގަކީ، ދެ ޤައުމުގެ މިނިވަން ދެ ދަޢުލަތް ޤާއިމު ކުރުން ކަމުގައެވެ. ލަޕީދު މި ކަމަށް ތާޢީދު ކުރައްވާ ވާހަކަފުޅު ދެއްކެވި ނަމަވެސް، އޭނާގެ އަމަލުތަކުން މި ފެންނަނީ އެހެން މަންޒަރެކެވެ.
ބައިޑަން އިސްރާއީލާއި ފަލަސްތީނަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ދެން ވަޑައިގެންނެވީ ސަޢޫދީ ޢަރަބިއްޔާއަށެވެ.