އެއްޖިންސުން ގުޅުން ހިންގި އަލަމްގިރީގެ ބަންދަށް އިތުރު 15 ދުވަސް
ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
އަލަމްގިރި މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް އިތުރުކުރީ 15 ދުވަހެވެ.
ކޯޓު އަމުރެއްގެ ދަށުން އަލަމްގިރި ހައްޔަރުކުރީ މި މަހުގެ 13 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެއީ އޭނާ ދިރިއުޅޭ ގެސްޓު ހައުސްގައި ހުއްޓައެވެ.
އަލަމްގިރި ހައްޔަރުކުރިއިރު އޭނާގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓައިފައެވެ.
އަލަމްގިރި ހައްޔަރުކޮށްފައިވަނީ އޭނާއާއެކު ރާއްޖޭގެ ހައިޕްރޮފައިލް ބޭފުޅުންތަކެއް އެއް ޖިންސުން ގުޅުން ހިންގާކަމަށް ބެލެވޭ ވީޑިއޯތަކެއް އާންމުވެފައި ވަނިކޮށެވެ. އެ ވީޑިއޯތަކުގައި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) ކަމަށް ބެލެވޭ މީހަކާއި އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެނެއެވެ.
އަދި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ޢަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެނެއެވެ. އޭގެ އިތުރުން އަލަމްގިރިއާއެކު ފުލުހަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ ވެސް އާންމުވިއެވެ.
ބަދުއަޚްލާޤީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވުމާއެކު ފުލުހުން މީގެ ކުރިން ބުނީ ވީޑިއޯތަކުގައި ހިމެނޭ މީހުންގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.