މަސްދަރު ހާމަކުރުމަށް ލާޒިމު ކުރުމަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބިރެއް: އުޝާމް

ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް ލާޒިމު ކުރުމަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބިރެއްކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ވަނީ ހެއްކާބެހޭ ބިލު ތަސްދީޤުކުރައްވައިފައެވެ. ރައީސް ޞާލިޙް ބިލު ތަސްދީޤު ކުރެއްވީ ހެއްކާ ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާ އިސްލާހުކުރަން ގޮވައިލާ 158 ނޫސްވެރިއަކު ސޮއިކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށެވެ.
އުޝާމް ވިދާޅުވީ މަސްދަރު ހިމާޔަތްކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށްވާއިރު މަސްދަރު ހާމަކުރުމަށް ލާޒިމު ކުރުމަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބިރެއް ކަމަށެވެ.
އުޝާމް ވަނީ އެ ޤާނޫނު އިސްލާހުކުރުމަށް ނޫސްވެެރިން ކުރަމުންދާ މަސައްކަތުގައި ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ.