ޖަލުގައި ތިބޭ ކުދިންނަށް ކިޔަވައިދޭން ފަށަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ކިޔަވައި ދޭން ފަށަން ތައްޔާރުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ރޭ ވިދާޅުވީ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަ ކުދިންނަށް ކިޔަވައި ދިނުމައް ތައްޔާރު ކުރެވުނު ކުލާސް ރޫމުތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އުންމީދަކީ މި ފެށޭ ދިރާސީ އަހަރުގައި ކިޔަވައި ދޭން ފެށުންކަމަށް އޭނާ ވިދާޅުވިއެވެ.
ކަރެކްޝަންގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއެކު ކަރެކްޝަނުން އެމްއޯޔޫއެއްގައި ސޮއިކުރީ މި މަހުގެ 06 ގައެވެ.
މި އެމްއޯޔޫގެ މަގުސަދަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 21 ވަނަ މާއްދާއާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދެއްގައި ކުއްޖަކު ބަހައްޓަންޖެހޭ ހާލަތުގައި އެއްވެސް ތަފާތުކުރުމެއް ނެތި ކުއްޖާގެ އުމުރުފުރާ އާ ގުޅޭ ގޮތަށް ކުއްޖާއަށް ތަޢުލީމު ލިބިދިނުމުގެ ފުރުސަތު ފަހިކޮށް ދިނުމެވެ.