ދުނިޔެ

ކޮވިޑް-19 ކޮންޓްރޯލް ކުރަން އިތުރު ބޭހަކަށް ޗައިނާއިން ހުއްދަ ދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމަށް ބޭނުން ކުރެވޭނެ ބޭހަކަށް ޗައިނާއިން ހުއްދަ ދީފިއެވެ. އަޒްވިޔުޑިންގެ ނަން ދީފައިވާ މި ބޭސް އުފައްދާފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމުގައިވާ ޖެނުއިން ބަޔޯޓެކްއިންނެވެ. އެ ކުންފުނިން މި ބޭސް އުފައްދާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.

Ads by WAMCO

މި ބޭހަކީ އެޗް.އައި.ވީ-1 ވައިރަސްގެ އަސަރުކޮށްފައިވާ މީހުންނަށް ފަރުވާ ދިނުމަށް އުފައްދާފައިވާ ބޭހެއް ކަމުގައި ވީ ނަމަވެސް، ކޮވިޑް ޖެހިފައިވާ 18 އަހަރުން މަތީގެ މީހުންނަށް މި ބޭސް ބޭނުންކޮށްގެން ފަރުވާ ދެވޭނެ ކަމުގައި އެ ކުންފުނިން ބުނެއެވެ. ކޮވިޑް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި މި ބޭސް ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ ޗައިނާގެ ނޭޝަނަލް މެޑިކަލް ޕްރޮޑަކްޓްސް އެޑްމިނިސްޓްރޭޝަނުންނެވެ.

މި ބޭހަށް ހުއްދަ ދިނުމާ އެކު، ޗައިނާއިން ގެންގުޅޭ ޒީރޯ ކޮވިޑް ސިޔާސަތާ ފޭއަށް ޖެހުމަށް އެ ޤައުމުގެ ސަރުކާރަށް ފަސޭހަވެގެން ދާނެ ކަމަށް ބެލެވެއެވެ. މި ސިޔާސަތުގެ ދަށުން އެ ޤައުމުން ދަނީ ބަލި ފެންނަ ހުރިހާ ސަރަޙައްދެއް ފުރަބަންދުކޮށް، އެ ތަންތަނުގައި ދިރިއުޅޭ ހުރިހާ މީހުންގެ ޓެސްޓު ހަދަމުންނެވެ. މި ސިޔާސަތާ ގުޅިގެން އެ ޤައުމަށް ވަނީ އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ ތެރޭގައި ބޭރުގެ ބައެއް އިންވެސްޓަރުން އެ ޤައުމު ދޫކޮށް ދިޔުން ހިމެނެއެވެ.

ކޮވިޑް ޖެހިފައިވާ މީހުންނަށް އަޒްވިޔުޑިން ދީގެން ހަދާފައިވާ ޓެސްޓުތަކުގެ ނަތީޖާތަކުން ފެންނަ ގޮތުގައި، 40.6 އިންސައްތަ މީހުންނަށް ބަލީގެ ސަބަބުން ކުރާ އަސަރު ދަށް ކޮށްދެއެވެ. ޗައިނާގައި އިތުރު ކުންފުނިތަކަކުން ވެސް ދަނީ ކޮވިޑަށް ޚާއްޞަކޮށްގެން ބޭސް އުފައްދަން މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ޝަންގްހާއީ ޖުންޝީ ބަޔޯސައިންސަސް އަދި ކިންޓޯ ފާމަސޫޓިކަލް ކުންފުނި ހިމެނެއެވެ.

ފައިޒަރ ކުންފުނިން އުފައްދާފައިފާ ކޮވިޑް ބޭސް ކަމުގައިވާ ޕެކްސްލޮވިޑް ޗައިނާގައި މިހާރު ވެސް ދަނީ ބޭނުން ކުރަމުންނެވެ. މީގެ އިތުރުން، ފަތްޕިލާވެލިން އުފައްދާފައިވާ ބޭހަކަށް ވެސް 2020 ވަނަ އަހަރު އެ ޤައުމުން ވަނީ ހުއްދަ ދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!