ދުނިޔެ

ޗައިނާގެ ރޮކެޓެއްގެ ބައިތަކެއް ދުނިޔެއަށް ވެއްޓެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދާދިފަހުން ޗައިނާއިން ޖައްވަށް ފޮނުވި ރޮކެޓެއްގެ ބައިތަކެއް ކުރިއަށް އޮތް ހަފުތާ ބަންދުގެ ތެރޭގައި ދުނިޔެއަށް ވެއްޓޭނެ ކަމުގައި އެ ޤައުމުން ބުނެފިއެވެ. ލޯންގް މާޗް 5ބީގެ ނަން ދީފައިވާ މި ރޮކެޓް ޖައްވަށް ފޮނުވާފައި ވަނީ، ޗައިނާއިން ބިނާ ކުރަމުންދާ ޖައްވީ ސްޓޭޝަނަށް ބޭނުންވާ މުދާ ބަރުކޮށްގެންނެވެ.

Ads by WAMCO

ޗައިނާއިން ރޮކެޓް ޖައްވަށް އުދުއްސައިލާފައި ވަނީ ޖުލައި 24 ވަނަ ދުވަހުއެވެ. މިއީ، މި މަރުކާގެ ރޮކެޓެއް ޖައްވަށް ފޮނުވައިލި ތިންވަނަ ފަހަރެވެ. ކުރިން ދެ ފަހަރެކޭ އެއް ގޮތަށް، ރޮކެޓްގެ ބައިތައް މި ފަހަރު ވެސް ދުނިޔެއަށް ވެއްޓޭނެއެވެ.

ދުނިޔޭގެ ވައިގެ ފަށަލައަށް އެތެރެވުމުގެ ތެރޭގައި ރޮކެޓުގެ ގިނަ ބައިތައް އަނދައި، ހަލާކުވާނެ ކަމަށް ޗައިނާއިން ބުނެއެވެ. ނަމަވެސް، 100 ފޫޓު ދިގު، އަދި 22 ޓަނުގެ ރޮކެޓްގެ ބައެއް ބައިތައް ދުނިޔޭގެ ބައެއް ހިސާބުތަކަށް ވެއްޓިދާނެތީ، އެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމުގައި ޗައިނާއިން ބުނެއެވެ. މި ރޮކެޓުން ވެއްޓޭ ބައިތަކުގެ އަސަރު 2,000 ކިލޯމީޓަރުގެ ސަރަޙައްދަކަށް ފޯރާނެ ކަމަށް އެމެރިކާއިން ހަދާފައިވާ ދިރާސާތަކުން ބުނެއެވެ.

މި ރޮކެޓުގެ ބައިތައް ވެއްޓޭނީ ދުނިޔޭގެ ކޮން ހިސާބަކަށް ކަން ޗައިނާގެ ސައިންސްވެރިންނަށް ވެސް އަދި ނޭނގެއެވެ. ރޮކެޓުގެ ބައިތައް ވެއްޓޭނެ ކަމަށް ބެލެވޭ ހިސާބުތަކުގެ 75 އިންސައްތައަކީ އާބާދުވެފައި ނުވާ ކަނޑާއި ސަހަރާތަކާއި ޖަންގަލި ބޯ ސަރަޙައްދުތައް ކަމަށާއި، ރޮކެޓް ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް، ނުވަތަ ޢިމާރާތަށް ގެއްލުންވުމުގެ ފުރުޞަތު ވަރަށް ހަނި ކަމުގައި ޗައިނާއިން ބުނެއެވެ.

ނަމަވެސް، 2020 ވަނަ އަހަރު މޭ މަހުގެ ތެރޭގައި ޗައިނާއިން ޖައްވަށް ފޮނުވައިލި ރޮކެޓުގެ ބައިތައް ވެއްޓިފައި ވަނީ އެފްރިކާ ބައްރުގެ ހުޅަނގުގައިވާ އައިވަރީ ކޯސްޓުގެ ބައެއް ސަރަޙައްދުތަކަށެވެ. އަދި، ރޮކެޓްގެ ބައިތައް ވެއްޓި، ބައެއް ޢިމާރާތްތަކަށް ގެއްލުންވިއެވެ. ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ މޭ މަހު ޗައިނާއިން ޖައްވަށް ފޮނުވައިލި ރޮކެޓުގެ ބައިތައް ވެއްޓިފައި ވަނީ އިންޑިޔާ ކަނޑުގެ ސަރަޙައްދަށް ކަން ފާހަގަކޮށްލަން ޖެހެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!