ޖިންސީ ގޯނާއާއި ދެކޮޅަށް އަޑުއުފުލި މީހުންގެ އަޑުތައް ހިމޭންވީބާ؟
މީގެ ދުވަސްކޮޅެއް ކުރިން މީސްމީޑިއާގައި އެންމެންވެސް ދައްކަމުންދިޔަ ވާހަކަ އަކީ ޖިންސީ ގޯނާގެ ޝިކާރައަކަށް އެތައްބަޔަކު މި ކުޑަކުޑަ ރާއްޖޭގައި ވެސް އުޅޭ ކަމާއި އެމީހުންނަށް އިންސާފެއް ލިބިފައި ނުވާ ކަމެވެ.
އެދުވަސްވަރު ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި މައްސަލަ އާއި އަދި ހަމަ އެހެންމެ މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް ނިމާލް އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ އެއް ރޭޕް ކުރިކަމަށް ބުނެ ކުރެވުނު ތުހުމަތު ތަކާ ހެދި މި ވާހަކަތައް މީސްމީޑިއާގެ ތެރޭގައި ވަރަށް ގިނައިން ދެކެވުނެވެ.
ޖިންސީ ގޯނާއާއި ދެކޮޅަށް ތެދުވި މީހުން ވަނީ މަގުމަތީގައި އަޑު އުފުލުމުގެ އިތުރުން ފޭސްބުކްގައި “ޖަސްޓިސް ފޯރ ސަވައިވާރސް” ގެ ނަމުގައި ގުރޫޕެއް ހަދައި އެ ގުރޫޕް މެދުވެރިކޮށް ވެސް ވަނީ ޖިންސީ ގޯނާގެ ޝިކާރައަކަަށް ވެފައިވާ އެތައްބައެއްގެ ވާހަކަތައް ހިއްސާ ކޮށްދީފައެވެ.
ގިނަ ބަޔަކު ބުނަމުން ދިޔައީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އިންސާފު ނުލިބެނީސް އެ މަސައްކަތްތައް ހުއްޓާ ނުލާނެ ކަމަށެވެ. އިންސާފު ލިބެންދެން އަޑު އުފުލުމުގައި ދެމި ތިބޭނެ ކަމަށެވެ.
ނަމަވެސް މިއަދު ޖިންސީ ގޯނާއާ ދެކޮޅަށް ކުރަމުން އައި ހަނގުރާމައިގެ ހުޅުކޮޅުވެސް ގާތްގަނޑަކަށް މިވަނީ ނިވިފައެވެ. ސުވާލަކީ ބަޔަކު އެ ހުޅުކޮޅު ނިއްވާލީ ބާވައެވެ؟ ނުވަތަ އެ ހުޅުކޮޅުގެ ސަބަބުން އެއްވެސް ނަތީޖާ އެއް ނުލިބި ހުޅުކޮޅު ކަނި ވެގެން ދިޔައީ ބާވައެވެ؟ ނުވަތަ އެ ހުޅުކޮޅު އެއްކޮށް ނިވުނީ ބާވައެވެ؟
ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތްކަމުގައި ވިޔަސް ދެތިން ހަފްތާ ވަންދެން އަދި ޖިންސީ ގޯނާގެ ވާހަކަތައް ހިއްސާކޮށް އެ ކަންތަކާ ދެކޮޅަށް އަޑު އުފުލުމުން އެ ނިމުނީ އެއް ނޫނެވެ . އެ ދެތިން ހަފްތާގެ ސަބަބުން އިންސާފު ލިބުނީ ކާކަށްތޯ ސުވާލު އުފެދެއެވެ.
ޖިންސީ ގޯނާގެ މައްސަލައެއް ފެންމަތިވާ ކޮންމެ ފަހަރަކުވެސް އެކަމާ ދެކޮޅަށް ބޮޑެތި ޕޯސްޓުތައް ޖަހާ އަދި އެހެނިހެންވެސް ގޮތްގޮތަށް އަޑު އުފުލާ މީހުންގެ އަދަދު ވަރަށް ގިނައެވެ. ނަމަވެސް ދެތިން ހަފްތާގެ ތެރޭގައި އެ އަޑުތައް މަޑުވަމުން މަޑުވަމުން ގޮސް އެއަޑުތައް މުޅިންހެން ކެނޑެއެވެ.
މިގޮތަށް އާންމު ރައްޔިތުން ޖިންސީ ގޯނާއާއި ދެކޮޅަށް އަޑު އުފުލުމުންވެސް ސަރުކާރަށް ކަހާތަން ހިރުވާލާ ހެންވެސް ހީނުވެއެވެ. އުފުލި އެއަޑުތަކާއި ރައްޔިތުންގެ އާދޭސްތަކުގެ މޯހިރުގައި ވީ އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.
މާ ބޮޑު ނަތީޖާއެއް ފެންނަށް ނެތް ކަމުގައިވީ ނަމަވެސް އެ ބުރަ މަސައްކަތްތައް ކުރާ މީހުންނަށް ޝުކުރު ހައްގެވެ. ޖިންސީ ގޯނާގެ ޝިކާރައަށް ވެފައިވާ މީހުންނަށް ހިތްވަރުދީ އެމީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތަކީ ތަޢުރީފު ޙައްޤު މަސައްކަތެކެވެ. ލަހުން ނަމަވެސް ފަހުން ނަމަވެސް އިންސާފު ލިބުމުގެ ކުޑަ ނަމަވެސް އުއްމީދެއް އޮތީ އެކުރާ މަސައްކަތުގެ ސަބަބުންކަން ޔަގީނެވެ.
ނަމަވެސް މިއަދު އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ އިންސާފު ލިބޭނެ ކަމުގެ އުއްމީދު ހޯދައިދިން ، ޖިންސީ ގޯނާއާއި ދެކޮޅަށް އަޑު އުފުލި ހުރިހާ ފަރާތްތަކެއް ކޮބައި ބާވައެވެ؟ އެ ފަރާތްތަކުގެ އަޑު ހިމޭންވީ ބާވައެވެ؟ ނުވަތަ ހިމޭން ކޮށްލީ ބާވައެވެ؟