ގޯއްޗާއި ފްލެޓަށް ކުރިމަތިލާ ފަރާތްތަކަށް މާލެ ސިޓީ ކައުންސިލުން ފޯމު ފުރައިދޭން ފަށައިފި

މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތި އަދި ފްލެޓަށް ކުރިމަތިލާ ފަރާތްތަކަށް މާލެ ސިޓީ ކައުންސިލުން ފޯމު ފުރައިދޭން ފަށައިފިއެވެ.
މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމަށް ބޭނުންވާ މީހުންނަށް ފޯމު ފުރުމުގައި އެހީތެރިވުމަށް މާލެ ސިޓީ ކައުންސިލުން ނިންމީ ފޯމު ފުރުމުގައި ދަތިތަކާއި ކުރިމަތިވާ ފަރާތްތަކަށް ވީހާވެސް ބޮޑަށް އެހީތެރިވުމުގެ ގޮތުންނެވެ.
އެ ގޮތުން ފޯމު ހުށަހެޅުމުގައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީވުމުގެ ގޮތުން މޭޒުތައް ބަހައްޓާފައިވަނީ މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއި ބެހޭބައިކަމަށްވާ ތައިސޭކޮށީގައްޔާއި ކައުންސިލުގެ މާފަންނު އޮފީހުގައެވެ.
ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެ ދެތަނުގައި ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ފެށިގެން މެންދުރު 14:00 އާ ދެމެދާއި ރޭގަނޑު 20:00 އިން ފެށިގެން 22:00 އާ ހަމަޔަށް ފޯމު ފުރުމާއި ހުށައެޅުމަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.
މާލޭ ރައްޔިތުންނަށް ދޫކުރާ ގޯތިތަކަށް ކުރިމަތިލާން ހުޅުވައިލީ ޖޫން 26 ގައެވެ. ސަރުކާރުން ކުރިއަށްގެންދާ ''ގެދޮރުވެރިން'' ޕްރޮގްރާމުގެ ދަށުން ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅުން 2000 ގޯއްޗަށް ވަނީ ހުޅުވައިލާފައެވެ. އޭގެއިތުރުން މި ބުރުގައި ހުޅުމާލެއިން 4000 ފުލެޓު ދޫކުރަން ވަނީ ނިންމާފައެވެ.