ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ކޮވިޑަށް ފައްސި ވެއްޖެ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތުރު ކޮވިޑަށް ފައްސިވެއްޖެއެވެ.
"ސަން" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޑރ. އަރުވިންދު ކޮވިޑަށް ފައްސިވެފައިވާކަމަށް އިތުބާރު ހުރި މަސްދަރަކުން އެ ނޫހަށް ވަނީ ކަށަވަރުކޮށްދީފައެވެ.
ނަމަވެސް މިކަމާ ގުޅިގެން އެޗްޕީއޭ އިން ބުނީ ފައްސިވާ މީހުންގެ ޒާތީ މައުލޫމާތު މީޑިއާ އާ ހިއްސާ ނުކުރާ ކަމަށެވެ.
ރާއްޖެއިން މިއަދު ވަނީ އިތުރު 148 މީހަކު ކޮވިޑަށް ފައްސިވެފައެވެ. އެއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 4،594 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 1869 މީހުންނަށެވެ. އެގޮތުން 110 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.