މުޙައްމަދު އިސްމާޢީލް ބަންދުން ދޫކޮށްލައިފި
ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މުޙައްމަދު އިސްމާޢީލް ބަންދުން ދޫކޮށްލައިފިއެވެ.
ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މުޙައްމަދު އިސްމާޢީލް ހައްޔަރުކުރީ އޭގެ އަނެއް ދުވަހުއެވެ.
މުޙައްމަދު އިސްމާޢީލް ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ބަންދަށް ދިނީ ހަތް ދުވަހެވެ. އެއަށްފަހު ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރިއެވެ. އަދި މިދިޔަމަހުގެ ހަތްވަނަ ދުވަހު އޭނާގެ ބަންދަށް ވަނީ ބަންދަށް 30 ދުވަސް އިތުރުކުރިއެވެ.
އެހެންކަމުން އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދުން ދޫކޮށްލައިފައެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން މުޙައްމަދު އިސްމާޢީލް ހައްޔަރުކުރި ނަމަވެސް ފުލުހުންނަށް އޭނާގެ މައްޗަށް މާ ބޮޑު ހެއްކެއް ހުށަހެޅިފައެއް ނުވެއެވެ. ހަމައެކަނި ހުށަހެޅި ހެއްކަކީ އެ ދުވަހު ކުރިއަށްދިޔަ އިހުތިޖާޖުގެ ބައިވެރިއަކާ އޭނާ ސަލާމް ކުރައްވާ މަންޒަރު ފެންނަ ފޮޓޯއެކެވެ.