ފިލިޕީންސަށް ޗައިނާއިން ހަމަލާދީފިނަމަ އެމެރިކާއިން ދިފާއުގައި ހަމަލާދޭނެ

ފިލިޕީންސަށް ޗައިނާއިން ހަމަލާދީފިނަމަ އެމެރިކާއިން ދިފާއުގައި ހަމަލާދޭނެ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ހޮނިހިރު ދުވަހު ވަނީ ފިލިޕީންސްއަށް ދެކުނު ޗައިނާ ކަނޑުގައި ފިލިޕީންސްއަށް ހަމަލާއެއް ދީފިނަމަ އެމެރިކާއިން ދިފާއުގައި އަންނާނެ ކަމުގެ ޔަގީންކަން ދެއްވައި، ދެފަރާތުގެ ދިފާއީ މުއާހަދާއަކަށް އެމެރިކާއިން ވައުދުވެފައިވާ މިންވަރާ މެދު އުފެދޭ ކަންބޮޑުވުންތައް ފިލުވައިދެއްވާފައެވެ.
އެމެރިކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ފިތުނަތައް އުފެދެމުންދާތީ އެކަމުގެ މަޝްވަރާ ކުރެއްވުމަށް ޕިލިޕީންސްގެ ވެރިރަށް މެނިލާގައި ބޭއްވި ބައްދަލުވުންތަކުގައި ބްލިންކެން ވިދާޅުވީ ފިލިޕީންސްއާ އެކު 70 އަހަރު ވެފައިވާ ދިފާއީ އެއްބަސްވުމަކީ އަދި ވެސް ދަނގަޑާ އެއްވަރުގެ އެއްބަސްވުމެއް ކަމަށެވެ.
"ފިލިޕީންސްގެ ހަތިޔާރު އެޅި ސިފައިންނާއި އާންމު އުޅަނދުތަކަށާއި މަތިންދާބޯޓުތަކަށް ހަތިޔާރު އެޅި ހަމަލާއެއް ދީފިނަމަ އެ މުއާހަދާގެ ދަށުން އެމެރިކާއިން ބަދަލު ހަމަލާދޭނެ" ނޫސްވެރިންގެ ބައްދަލުވުމެއްގައި ބްލިންކެން ވިދާޅުވިއެވެ.