އަންހެނެއްގެ އުރަމަތީ އަތްލިކަމަށް ތުހުމަތުވާ މީހަކުގެ މައްޗަށް ކުށް ސާބިތެއްނުވި

މާލޭ ފިހާރައެއްގެތެރޭގައި އަންހެނެއްގެ އުރަމަތީ އަތްލިކަމަށް ތުހުމަތުވާ މީހަކުގެ މައްޗަށް ކުރި ދަޢުވާ ސާބިތެއްނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
އަންހެނެއްގެ އުރަމަތީ އަތްލިކަމަށް ތުހުމަތުގައި ދަޢުވާ އުފުލީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުޙައްމަދު ޝަކީލް ހޮސައިންގެ މައްޗަށެވެ. އޭނާގެ މައްޗަށް ދަޢުވާ އުފުލީ 2020 އޮގަސްޓް 30 ގައި އޭނާ މަސައްކަތްކުރާ ފިހާރައަށް ވިޔަފާރިކުރަން ދިޔަ އަންހެނެއްގެ އުރަމަތީގައި އަތްލިކަމުގެ ތުހުމަތުގައެވެ.
ނަމަވެސް އޭނާ ވަނީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާއަށް އިންކާރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ބުނީ ހުށަހެޅުނު ހެކިތަކަށް ބަލާއިރު ހާދިސާ ހިނގިތަން ލޮލަށް ފެނުނު އެއްވެސް ހެއްކެއް ނެތް ކަމަށާއި, ސައިންޓިފިކް އެއްވެސް ތަހުލީލެއް ކުރެވިފައިވާކަން އެނގޭއިރު އެފަދަ ރިޕޯޓެއް ވެސް ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރަން ބޭނުންވާ މިންވަރަށް ޝަރީޢަތަށް ހެއްކާއި ޤަރީނާ ލިބިފައިނުވާތީ ދަޢުވާ ސާބިތުނުވާކަމަށް ޙުކުމްކުރާ ކަމަށެވެ.