ޝިރުކާ ދެކޮޅަށް ނުކުތުން: ހައްޔަރުކުރި އިތުރު ބަޔަކު ދޫކޮށްލައިފި

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލައިގެން ހައްޔަރުކުރި މީހުންގެ ތެރެއިން އިތުރު ބަޔަކު ދޫކޮށްލައިފިއެވެ.
ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ސަރުކާރުން ހަރަކާތެއް ބޭއްވީ މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހުއެވެ. އެކަމާ ދެކޮޅަށް އަޑުއުފުލަން އޭރު ނުކުތް މީހުންގެތެރެއިން ފުރަތަމަ ހައްޔަރުކުރީ 21 މީހުންނެވެ. އޭގެ ފަހުން ވެސް ބައެއް މީހުން ހައްޔަރުކުރިއެވެ.
ހައްޔަރުކުރި މީހުންގެތެރެއިން ހަތަރު މީހެއްގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ޝަރުތުތަކާއެކު އެ މީހުން ބަންދުން ދޫކޮށްލައިފައެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ 15 މީހެކެވެ.
ރާއްޖޭގެ 100 އެތައް ޢިލްމުވެރިއަކު އިއްތިފާޤުވެވަޑައިގަންނަވާ ގޮތުން ޔޯގާއަކީ ޝިރުކެކެވެ.