އިއްޔެވެެސް އިތުރު 20 ތަނެއް ބަންދުކޮށްފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފަށް ވިޔަފާރިކުރަމުންދިޔަ 20 ތަނެއް ބަންދުކޮށްފި އެވެ.
ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އާންމު ހިދުމަތްދޭ 235 ތަނެއް މިއަދު އިންސްޕެކްޓްކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ހިދުމަތްދޭ 51 ތަނަކާއި 154 ފިހާރައިގެ އިތުރުން ހަތަރު މާރުކޭޓާއި ފަސް ޖިމް ކަމަށް ވިދާޅުވި އެވެ.
އަދި އޭގެ ތެރެއިން ވިހި ތަނެއް ބަންދުކުރިއިރު ބަންދުކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ ހަ ސެލޫންއަކާއި އަށް ފިހާރައިގެ އިތުރުން ތިން މާރުކޭޓާއި ކާބޯތަކެތީގެ ހިދުމަތްދޭ ތިން ތަނެއް ކަމަށް ވެސް ވިދާޅުވި އެވެ.