ޚަބަރު

ހަތަރު މިލިޔަން ޑޮލަރު ސިންގަޕޫރުގައި، ހުޅުވަން ބޭނުންވަނީ އަދީބުގެ ލޮލުގެ ސްކޭނެއް: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް ޔާމީންގެ ނައިބު ރައީސް، އަޙްމަދު އަދީބު އަތުގައި ހުރި ގިނަ އަދަދެއްގެ ފައިސާ ސިންގްޕޫރުގެ ތިޖޫރިއެއްގައި ހުރި ކަމަށް އެ ލާރި ހޯދޭނީ އަބީދު ރެޓިނަރ ސްކޭންކޮށްގެން ކަމަށް ބުނި ކަމަށް، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

2019ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ރައީސް ޔާމީންވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވާފައެވެ. ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ މި ބައްދަލު ކުރެއްވުމުގައި ރައީސް ޔާމީންވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި އަދީބާއި ގުޅޭ ގޮތުން ގިނަ ވާހަކަފުޅު ތަކެއް ދައްކަވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް ޔާމީންގެ ކެންޕެއިން ކަންކަމަށް، ސިޔާސީ ކަންކަމަށް ގިނަ ބަޔަކު ފައިސާ ދޭ ކަމަށާއި މި ފައިސާތައް ކުރިން ބަހައްޓަނީ އަދީބުގެ އަތުގައި ކަމަށެވެ. އަދި ފިނިފެންމާ ލޯންޗް ގޮއްވާލި ހާދިސާއަށްފަހު، ރައީސް ޔާމީންގެ ފަސް މިލިޔަން ޑޮލަރު ހޯދަން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އޮފީހުގައި އިންދާ އަދީބް ބުނީ ތިމަންނަ ފޮނުވީ ނަގުދު ފައިސާއޭ. ފޮނުވީމަ ތިމަންނަ ކައިރީ ބުންޏޭ، މި ގުނާފައި، ކައުންޓަރ ފިޓްތޯ ނޫންތޯ ބަލަން ފަސޭހައެއް ނޫނޭ" ރައީސް ޔާމީން ވިދާޅުވީ، އޭގެ ތެރެއިން އެއްމިލިޔަން ރުފިޔާ އަދީބު ޖަމާކުރީ ޗެކަކުން ކަމަށެވެ.

އެހެންނަމަވެސް މިއީ ސަރުކާރުގެ ފައިސާ ކަމެއް އޭރު އިނގިވަޑައި ނުގަންނަވާ ކަމަށާއި ޖަމާކުރީ އެފްއޯއެފްގެ ޗެކެއް ކަމަށް ވެސް އެނގުނީ އަދީބު ޖަލަށްލުމަށްފަހު، ތަޙްޤީޤް ކުރި ހިސާބުން ކަމަށެވެ.

އަދި ފަސް މިލިޔަން ޑޮލަރަކީ އަދީބު އަތުގައި ހުރި ރައީސް ޔާމީންގެ ފައިސާ ކަން ފަރާތްތައް ހުންނާނެ ކަމަށާއި އެކަމަށް ހެކި ބަސް ދޭން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ފަރާތްތައްވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވެރިކަމުގައި އަދީބު ޖަލުގައި ހުންނެވި އިރު އޭރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ އެމަނިކުފާނު އަރިހަށް ވަޑަައިގެން އެ ފައިސާ ވީތަނެއް އަދީބު ވިދާޅުވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވެރިކަމުގައި އަދީބު ޖަލުގައި ހުރިއިރު، އޭސީސީގެ ރައީސް ލުތުފީ އަޅުގަނޑާ ބައްދަލު ކުރަން ވަޑައިގަތް. ވަޑައިގެން ވިދާޅުވި ރައީސް އޭ އަދީބު އެބަ ބުނޭ މި ފައިސާގެ ބޮޑުބައި އެ ހުރީ ސިންގަޕޫރުގެ ކޮންމެވެސް ޕޯސްޓް ބޮކްސް ބޭންކެއްގެ ތެރޭގައޭ އެހުރީ. އެކަމަކު އެ ކަލެކްޓް ކުރެވޭނީ ރެޓިނަލް ސާޗެއް ހަަދައިގެންނޭ" ރައީސް ޔާމީން ވިދާޅުވީ، އަދީބު ސިންގަޕޫރަށް ފޮނުވާލަން އެމަނިކުފާނު ބޭނުން ނުވީ ކަމަށާއި އެކަން ނުކުރީ ފޮނުވާލައިފި ނަމަ އަދީބާއި ފައިސާތައް ވެސް ދެން އަތު ނުޖެހޭނެ ކަމަށް ޤަބޫލު ކުރެވޭތީ ކަމަށެވެ. އަދި ސިންގަޕޫރުގެ އޭސީސީއާ ގުޅިގެން ފައިސާތައް ހޯދަން ލަފާދެއްވި ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ އަމިއްލަ ފައިސާ ހޯއްދަވަން އުޅުއްވުމުން ކުރިމަތިވީ 2 އަހަރުގެ ޖަލު ހުކުމެއް ކަމަށާއި އެހެންކަމުން ބާކީ ހުރި ފައިސާ ހޯދަން އުޅެފިނަމަ 10 އަހަރުގެ ހުކުމެއް އަތުވެދާނެ ކަމަށެވެ. އެހެންކަމުން އެވަރުގެ ފައިސާއަކާ ބަލާއިރު އެކަން ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ޤައުމުން ގެއްލުނު ފައިސާ ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!