ޚަބަރު

ކްރިމިނަލް ކޯޓާއި ހައިކޯޓަށް ފަނޑިޔާރުން ހޯދަނީ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ހައި ކޯޓަށް ފަނޑިޔާރަކާއި ކްރިމިނަލް ކޯޓަށް ގާޒީއަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.

Ads by STELCO

ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނީ މި ދެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ 36،000 ރުފިޔާ އެވެ. ލިވިން އެލަވަންސްއަކީ 15،000 ރުފިޔާ ކަމަށްވާއިރު ރިސްކް އެލަވަންސް އަކީ 3،300 ރުފިޔާ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ މުސާރައަކީ 30،000 ރުފިޔާ އެވެ. ލިވިން އެލަވަންސްއަކީ 15،000 ރުފިޔާ އެވެ. ރިސްކް އެލަވަންސްއަކީ 3،300 ރުފިޔާ އެވެ.

މި ދެ މަގާމަށް ވެސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސްއާއި ފޯން އެލަވަންސް ލިބޭނެއެވެ.

މި ދެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުމާއި، ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

އަދި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައި ވުމާއި، ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!