މި ސަރުކާރުގެ ނޫ އިގުތިސާދު މި އޮތީ ''ނޫފައިގެންފައި'' ކަމަށް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ރައީސް ޔާމީނާ ހަވާލު ކުރުމަށް, ''ހަވާލޭ ވަޠަން'' ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައީސް ޔާމިން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތުގެ އިތުރުން ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެންމެ ރަނގަޅުވާ ސިނާޢަތަކީ މަސްވެރިކަމުގެ ސިނާޢަތު ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާޢަތަކީ ރާއްޖޭގެ އިގުތިސާދުގެ ''މައިބަދަ'' ކަމަށާއި, ރާއްޖެއަށް ބޭރު ފައިސާ އެންމެ ގިނައިން ވައްދާ ސިނާޢަތަކީ ފަތުރުވެރިކަމުގެ ސިނާޢަތްކަމަށް ވިޔަސް ދޫކޮށްނުލެވޭނެ ސިނާޢަތަކީ މަސްވެރިކަން ސިނާޢަތުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
''ކިތަންމެ ވަރަކަށް ވެސް މަސް ބޭނޭ. ހައްސަ ބާނާ މޫސުން ހައްތާވެސް މި އަންނަނީ. ސަރުކާރު ނުކުޅެދިގެންވަނީ އެ މަސް ގަންނަން. މަސްވެރިންނަށް އަގު ދޭން. މަސް ރައްކާކުރަން. މަސް ޕްރޮސެސްކުރަން. މަސް ބޭރަށް ވިއްކަން.''
ރައީސް ޔާމިންގެ ވާހަކަފުޅުގައި ވަނީ ބައެއް ރަށްރަށުގައި މަސްވެރިކަމުގެ ހާލަތު އޮތް ގޮތުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ.
އެ ގޮތުން މަސްވެރިކަމަށް މަޝްހޫރު ރަށެއްކަމަށްވާ ހއ.އިހަވަންދޫގައި 2018 ވަނަ އަހަރު ނިމުނުއިރު މަހަށްފުރާ 19 ދޯނި އޮތް ކަމަށާއި, ނަމަވެސް މިއަދު އޮތީ މަހަށް ފުރާ 10 ދޯނި ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އަދި ހޯރަފުށީގައި 2018 ވަނަ އަހަރު ނިމުނުއިރު މަހަށްފުރާ 09 ދޯނި އޮތް ކަމަށާއި, ނަމަވެސް މިއަދު ދޭތެރެއަކުން މަހަށް ނުކުންނަ ދޯނީގެ އަދަދަކީ 03 ކަމަށާއި, 2018 ވަނަ އަހަރު ނިމުނުއިރު މަކުނުދޫގައި މަހަށްފުރާ 14 ދޯނި އޮތް ކަމަށާއި, ނަމަވެސް މިއަދު ދޭތެރެއަކުން މަހަށް ނުކުންނަ ދޯނީގެ އަދަދަކީ 02 ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
''މިއީ މަހަށް ފުރަން ނުކުންނަ ދޯނީގެ ޢަދަދުތައް. މިއީ ސަރުކާރުން މަޝްރޫޢުއެއް ރާވައިގެން ދޯނި ބަނދެ މަސްވެރިންނަށް ލުއިލޯނުގެ ދަށުން ދޫކުރި މި ދެންނެވި ސިނާޢަތު ފުޅާކުރުމަށް.. ނޫ އިގުތިސާދު މިއޮތީ ނޫފައިގެންފައި.''
ނޫ އިގުތިސާދަކީ މި ސަރުކާރުގައި އިގުތިސާދީ ގޮތުން ގެންނާނެކަމަށް އެމްޑީޕީން ވަޢުދުވި ކަންކަން ހިމަނާފައިވާ މެނިފެސްޓޯއަށް ދީފައިވާ ނަމެކެވެ. އެ ގޮތުން ގޭދޮށު މަސް ފެކްޓްރީތައް ގާއިމު ކުރުމާއި, މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބޭ ބޮޑު އަގު ދިވެހި މަސްވެރީންނަށް ހޯދައިދިނުމާއި, ކަންނެލި ޖަގަހަތައް ގާއިމުކުރުންފަދަ ކަންކަމަކީ ނޫ އިގުތިސާދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ދައުލަތުގެ ދަރަނި ބޮޑުވާ ސަބަބު :
1/ ދައުލަތަށް އާމްދަނީ ލިބޭވަރަށް ވުރެން އިތުރަށް ހަރަދުކުރުން .
2/ ރިބާ ލޯނުގެ ދަރަނި ދައުލަތުން ނެގުން ،އިސްރާފު ކުރުން.
3/ ދައުލަތުގެ މުދާ މެނޭޖް ކުރަން ނޭގުން
4/ ދައުލަތުގެ މުދާ ރަގަޅަށް އިންވެސްކޮށްގެން އާމްދަނީ ހޯދަން ނޭގުން
5/ ދައުލަތުގެ މާލިއްޔަތުން ސިޔާސީ ވަފާތެރި ކެހިވެރިން ވައްކަން ކުރުން .
މިޤައުމުގެ ތާރީހަށްބަލާއިރު ވެރިން ކުރާކަމަކީ އޮޑިވެރިން ދިޔަވަރު ބޮޑުވީމާ އޮޑި އެހެލާ ފަދައިން، ދައުލަތުގެ ތިޖޫރީގައި އެންމެ ގިނައިން ފައިސާ ޖަމާވަގުތު ބަލާފަ ކޮންމެސް ޅިޔަނަކު ނޫނީ ރައްޓެއްސަކު ލައްވާ ތިޖޫރީގައި ހުއްނަ ފައިސާކޮޅު ނަގާ ހުސްކޮށްލަނީ !
ރޔާމީން ތި ވިދާޅުވީ ވަރަށްވެސް ރަނގަޅު ވާހަކަ ފުޅެއް އިގުތިސޯދު އެކަންޏެއްނޫން ނޫފައިގަތީކީވެސް މިސަރުކާރުގެ ހުރިހާ ގުނަވަނެއްވެސް ވަނީ ނޫފައިގަތްފަ ދުޅަވެ އަރާފަ، ފޮއްސިވެފަ ހިރިނުލެވިފަ.