ދުނިޔެ

ޗައިނާގައި ބިލިއަނަރަކު 13 އަހަރަށް ޖަލަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނާޖާއިޒު ފައިދާ ހޯދުމުގެ ގޮތުން ސަރުކާރުގެ އޮފިޝަލުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި، ޗައިނާއަށް އުފަން ކެނެޑާގެ ބިލިއަނަރު ޝިއާއޯ ޖިއަންހުއާ 13 އަހަރަށް ޖަލަށްލާން ޝަންހާއީގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

Ads by Sosun Fihaara

ޝިއާއޯ އާއި އޭނާގެ ކުންފުނި "ޓްމޯރޯ ހޯލްޑިންގްސް" އިން ވަނީ ސަރުކާރުގެ މާލީ ތަހުގީގުތަކުން ސަލާމަތް ވުމަށް 2001-2021 އަށް ސަރުކާރުގެ އޮފިޝަލުންނަށް ކުންފުނިތަކުގެ ހިއްސާ އާއި ގެދޮރާއި އެހެނިހެން މުދާ ވެސް ރިޝްވަތުގެ ގޮތުގައި ދީފަ އެވެ. އޭނާ ދިން މުދަލާއި ފައިސާއާ އެކު ޖުމުލަ 99.8 މިލިއަން ޑޮލަރު (680 މިލިއަން ޔުއާން) ރިޝްވަތުގެ ގޮތުގައި ހޭދަ ކޮށްފައިވާކަން ސާބިތުވާ ކަމަށް ކޯޓުން ބުންޏެވެ.

ކޯޓުން ބުނީ 2004 ވަނަ އަހަރުން ފެށިގެން ނުސީދާ ހިއްސާދާރުންނާއި ނަން ނޭނގެ މީހުންގެ މިލްކުވެރިކަމުގައި މާލީ އިދާރާތާކާއި އޮންލައިން ފައިނޭންޝަލް ޕްލެޓްފޯމްތައް ޝިއާއޯ ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. އަދި ބަނގުރޫޓުވި ބައޮޝަންގް ބޭންކުގެ ކޮންޓްރޯލް ވެސް އޭނާ ހޯދި ކަމަށް ކޯޓުން ބުންޏެވެ.

އެކި ނަންނަމުގައި އޭނާ އަށް ގަވާއިދާ ހިލާފަށް ލިބުނު ފައިދާތައް ޝިއާއޯ ބޭނުންކުރީ މާލީ އިދާރާތައް ގަތުމާށާއި ސެކިއުރިޓީޒް ޓްރޭޑިން އާއި ގައުމުން ބޭރުގެ އިންވެސްޓްމަންޓަށް ކަމަށް ވެސް ކޯޓުން ބުންޏެވެ. އެކަމަކު އޭނާ އެގޮތަށް އަމަލުކުރީ އިގްތިސާދީ ގޮތުން ރަނގަޅު ބަދަލުތަކެއް ގެނައުމަށް ކަމަށް ފާހަގަ ވާތީ އޭނާއަށް ލުއި އަދަބެއް ދިނުމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.

ޖޫރިމަނާގެ ގޮތުގައި ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ދައްކަން ކޯޓުން އޭނާއަށް ހުކުމް ކުރި އެވެ. އަދި އޭނާގެ ޓްމޯރޯ ހޯލްޑިން ވެސް 8.1 ބިލިއަން ޑޮލަރުން ޖޫރިމަނާކުރި އެވެ. ޗައިނާގެ ތަހްގީގީ އިދާރާތަކުން ވަނީ 2020 ގައި އޭނާއާ ގުޅޭ 9 ކުންފުންޏެއް އަތުލައިގެންފަ އެވެ.

ޗައިނާގެ ގާނޫނު ބުނާ ގޮތުން އެ ގައުމުގެ މީހަކަށް އެހެން ގައުމެއްގެ ރައްޔިތުކަން ހޯދާ ހިސާބުން ޗައިނާގެ ރައްޔިތެއް ކަމަށް ނުބޭލެވޭތީ، ޗައިނާގެ ރައްޔިތުންނަށް ކޯޓު މަރުހަލާގައި ފޯރުކޮށްދޭ ކަންކަން ޝިއާއީ އަށް ނުލިބޭނެ ކަމަށް ޗައިނާގެ ސަރުކާރުގެ އޮފިޝަލަކު ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!