ކޯލިޝަނަކާ ނުލައި ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން އަދި ގޮންޖެހުންތަކެއް އެބަހުރިކަމަށް އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއަށްފަހު އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަމުން ފައްޔާޟް ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކޯލިޝަނަކާ ނުލައި އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން އަދި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
އަދި ރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވެގެން މިއަދު ދެކެމުން މިދާ ބަދަލުތަކަށް ޤައުމު ހަރުލާފައިނުވާ ކަމަށާއި, ޤައުމު އޮތް ހާލަތަށް ބަލާއިރު ވީހާވެސް ގިނަ ބަޔަކާ އެއްކޮށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ފައްޔާޟް ވިދާޅުވިއެވެ.
ފައްޔާޟް ވިދާޅުވީ ޑިމޮކްރެޓިކް, މިނިވަން, އަދުލުވެރި, އިންސާފުވެރި, މުޖުތަމަޢުއެއް ބިނާކުރަން ވަރަށް ގިނަ މަސައްކަތް އެންމެން ވެސް ކުރަން އެބަޖެހޭ ކަމަށެވެ. އަދި އެއީ އެމްޑީޕީން އެކަނި ކުރަންޖެހޭ މަސައްކަތެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ޕާޓީ ވަރުގަދަކޮށް އެކަތިގަނޑަކަށް ހަދައިގެން މި ޤައުމުގައި ބާއްވާ އިލެކްޝަންތައް ކާމިޔާބުކޮށް ރައްޔިތުން ބޭނުންވާފަދަ އަދުލުވެރި އިންސާފުވެރި މިނިވަން ޤައުމެއްގެ ގޮތުގައި ހަދަން ކުރާ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެކައްޗެއް ކިޔައިގެން ކުރިއަށްދެވޭކަމަށްވާނަމަ އެމްޑީޕީއަކީ ''އަންސްޓޮޕަބަލް ފޯސްއެއް'' ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.