ރިޕޯޓް

ރަށު ރައްޔިތުންގެ ޚިދުމަތުގައި ދެގޮތެއްނުވެ ހުންނަ ހަބިއްތަ

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

ކޮންމެ ރަށެއްގެވެސް އަންހެނުންގެ ކޮމިޓީއަކީ އެރަށެއްގެ ވަރަށް ތަފާތު އަދި ހާއްސަ ބައެކެވެ. އެރަށަކަށް މުހިންމު އެތައް ޚިދުމަތެއް ކޮށްދީފައިވާނެ ފަރާތްތަކެކެވެ. އެގޮތުން މިއަދު ކިޔައިދޭން މިއުޅެނީ ރ. އަލިފުށީގެ އަންހެނުންގެ ކޮމިޓީގެ ރައީސާކަން މިވަގުތު ކުރަމުންދާ ފަރާތާއި ދެކެވުނު ވާހަކަ ކޮޅެކެވެ. ހަބީބާ އިދުރީސް ނުވަތަ ރަށު އެންމެން ދަން ނަމުން ނަމަ ހަބިއްތަގެ ފަރާތުން އޮޅުންފިލުވާލި ޝައުގުވެރި ބައެއް ވާހަކައެވެ. މިއަދު އަލިއަޅުވާލާނީ ހަބީބާ ރަށަށް ކޮށްދީފައިވާ އަދި ކޮށްދެމުންދާ ޚިދުމަތްތަކަށެވ.

Ads by Sosun Fihaara

ހަބީބާ ބުނާ ގޮތުން އެންމެ ކުޑައިރުއްސުރެވެސް އޭނާގެ ބައްޕަމެން ފެންނަނީ ރަށުތެރޭގައި ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވާތަނެވެ. އަދި އިޖުތިމާއީ ކަންކަމަށް ހަބީބާގެ ހިތުގައި ޝައުގުވެރިކަން އުފެދުނު ސަބަބަކީ އެއީއެވެ.

'އެއީ އަސްލު ފެށުން' މިކަމުގެ ތެރެއަށް ވަދެވުނު ގޮތާއި ބެހޭ ގޮތުން ސުވާލު ކޮށްލުމުން ހަބީބާ ކިޔައިދިނެވެ.

އަވަށުގައި އެކި މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފިރިހެނުންގެ އެދުމުގެ މަތިން ހަބީބާމެން ކަންކަމުގައި ބައިވެރިވި ކަމުގައިވެސް އޭނާ ބުންޏެވެ. ހަބީބާ އިސްވެ ހުރެވެސް ވަރަށް ގިނަ ކަންކަން ކުރިއެވެ. ކުރީގައި ހަދާފައި ހުރި ފިރިހެނުންގެ މިސްކިތްތާއި، އަންހެނުންގެ މިސްކިތަކީވެސް އަވަށު މީހުން އެކުގައި މަސައްކަތް ކޮށްގެން އަޅާފައިވާ މިސްކިތްތަކެވެ.

ހަބީބާ ފުރާފައިވާ އެކި މަގާމުތައް

ރާއްޖޭގައި ކައުންސިލްތައް އުފެދިގެންދިޔަ ދުވަސްވަރު ހަބީބާވަނީ ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލައިގެން ހޮވިފައެވެ. އެފަހަރު ތިން އަހަރުގެ ދައުރެއް ވަރަށް ކާމިޔާބުކަމާއި އެކު އޭނާ ނިންމާލިއެވެ. ދެވަނަ ދައުރަކަށް ކުރިމަތިލުމުން އެފަހަރަކު ނުހޮވުނެވެ. އަންހެނުންގެ ކޮމިޓީގެ ރައީސާއަށް ކުރިމަތިލީ އެދަނޑިވަޅުގައި ކަމަށް ހަބީބާ ބުންޏެވެ.

'އަންހެނުންގެ ކޮމިޓީއަށް އިއުލާން ކުރީމައި އަޅުގަނޑު ހިތަށް އެރީ، މުޖުތަމައުއަށް ފައިދާ ހުރި މަސަތްކަތްތަކެއް ކުރަން ފުރުސަތެކޭ މިއޮތީ ލިބިފަ' ހަބީބާ ކިޔައިދިނެވެ.

މިހާރު ހަބީބާ އަލިފުށީގެ އަންހެނުންގެ ކޮމިޓީގެ ނުވަތަ ވިމިންސް ޑެވެލޮޕްމެންޓް ކޮމިޓީ (ޑަބްލިއު ޑީ ސީ) ގެ ރައިސާކަން ކުރަމުން ދާތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވަނީއެވެ. ނަމަވެސް މިއީ ހަބީބާގެ ޚިދުމަތުގެ ދަތުރުގެ ވަރަށް ކުޑަކުޑަ ބައެކެވެ. މީގެ އެތަށް އަހަރެއް ކުރީގައިވެސް ހަބީބާވަނީ އަންހެނުންގެ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި އަދި ހަންދާރުގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ. ސިޔާސީ ޕާޓީއަކާއި ގުޅިގެން އެޕާޓީގެ އިސް މަގާމެއްގައިވެސް ހަބީބާ މަސައްކަތްކުރަމުން ގެންދެއެވެ. ހަބީބާ ސިފަކުރާ ގޮތުންނަމަ މުޖުތަމައު އޭނާ ބަލައިގަންނަ މީހަކަށްވެ އިހުތިރާމު ލިބޭ މީހަކަށްވީ ސަރުކާރު ވަފާގައި އުޅުމުންނެވެ. އެއީ ރަށު ކޯޓުގެ އެޑްމިންގައި ކާތިބާ ކަން ކުރުމުންނެވެ. އެވަފާގެ ސަބަބުން ހަބީބާއާއި ގިނަ މީހުންނާއި ބައްދަލުވެ ގުޅުން ބަދަހިވެ ގިނަ އެކުވެރިން ލިބުނު ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި އިޖުތިމާއީ ކަންކަމުގަ އުޅުމަކީ ވެސް ރަށުތެރޭގައި މީހުންގެ ލޯބި ހަބީބާއަށް ލިބެންފެށި ސަބަބެެކެވެ.

އަންހެނުންގެ ކޮމިޓީން ރަށުގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލާލާއިރު އެލިސްޓު ވަރަށްވެސް ދިގެވެ. ނަމަވެސް ކުރުކޮށް ބުނާނަމަ އެންމެ ކުރީގައި ކުރި ކަންކަމުގެ ތެރެއިން ފާހަގަ ކޮށްލެވެނީ ސަރުކާރުގެ އިތްތެރިން ރަށަށް އައުމުން އެމީހުންނަށް ކަށްކާފައި ކާންދޭ ކަމެވެ. އޭގެ އިތުރުން މަގުތައް ކުނި ކަހަން މީހުން އައުމުން ހާޟިރީ ބެލުމުގައިވެސް ހަރަކާތްތެރިވީ އަންހެނުންގެ ކޮމިޓީގެ އިސް މެމްބަރުންނެވެ.

މިހާރަށް ބަލައިލައިފިނަމަ އެކި ވައްތަރުގެ ކޯސްތައް ކޮމިޓީން ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ފަހަން ދަސްކޮށްދޭ ކޯސް، ކޭކު އަޅަން ދަސްކޮށްދޭ ކޯސް، ކަރަންޓުގެ ކަންކަމާއި ބެހޭ ގޮތުން ހޭލުންތެރިކަން ހިންގާ ކޯސް އަދި ދަނޑުވެރިކަމާއި ބެހޭ ކޯސްވެސް ހިމެނެއެވެ. އަދި އިންޓަވިއު ދިން އިރުގައި ހަބީބާ ބުނީ ކޮމިޓީން ތައްޔާރު ވަމުންދިޔައީ ޔޫތު މިނިސްޓްރީއާއި ގުޅިގެން ފޮތި ކޮތަޅު ފަހާ ކޯހެއް އަދި ކަސްރަތު ޕްރޮގްރާމެއް ބޭއްވުމަށްޓަކައި ތައްޔާރުވަމުން ކަމުގައެވެ. މިއަހަރު ނިމުމުގެ ކުރީގައި ފަހާ ކޯހެއްވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ހަބީބާ ބުންޏެވެ. އަދި މުޖުތަމައުގެ ތެރޭގައިވާ ވާނުން ކޮމިޓީއަށް ހުށައަޅާ ހުށައެޅުންތަކާއި އެދޭ އެދުންތަކަށް ވަރަށް ސަމާލުކަން ދެއެވެ. މިސާލަކަށް މިވަގުތު އެންމެ ބޭނުމީ ވޮލީ ކޯޗިންގް ކޭމްޕެކޭ ބުނެފިނަމަ ކޮމިޓީއިން އެކަމެއް އިންތިމް ކޮށްދެވޭތޯ ވަރަށް މަސައްކަތް ކުރާކަމުގައި ހަބީބާ އިތުރު ކޮށްލިއެވެ. ކުރިއަށް އޮތްތާނގައި އޮތީ ކޮން ކަމެއްތޯ ސުވާލު ކޮށްލުމުން ހަބީބާ ބުނީ ދައުރު ނިމެންދެން އިރާދަކުރެއްވިއްޔާ މިމަގާމުގައި ހުންނާނަން ކަމުގައެވެ. އަދި ކަންތައްތައް ވާނެ ގޮތެއް ނޭނގޭތީ ޔަގީންކަން ނުދެވުނަސް، ކަންދިމާކުރާ ގޮތުން ހަމަ ދެވަނަ ދައުރަކަށްވެސް ކުރިމަތިލާން ހިޔާލުކޮށްފާނެ ކަމުގައެވެ.

ހަބީބާގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ހިތްހަމަޖެހެނީ ކޮން މަސައްކަތަކާއި ދޭތެރޭގައިތޯ ސުވާލު ކުރުމުން އޭނާ ހިއްސާ ކޮށްލީ އަލިފުށި ސްކޫލުގައި އޭނާގެ ދަރިން ކިޔަވަމުން ގެންދިޔައިރު ސްކޫލްގެ ތެރެއިން އޭނާއަށް ކުރެވިފައި ހުރި މަސައްކަތްތަކެވެ. ހަބީބާވަނީ ސްކޫލްގެ ޕީޓީއޭގެ ނައިބު ރައީސާއެއްގެ ގޮތުގައި އާއި ސްކޫލްގެ ބޯޑުގައިވެސް މެމްބަރަކަށް އުޅެފައެވެ. ތައުލީމީ ދާއިރާގައި، ސްކޫލުގެ ތެރޭގައި ދަރިވަރުންތަކަކަށް އެހީތެރިވެދިނުމުގެ ގޮތުން ބައިވަރު ކަންކަމުގައި އުޅެވުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއްގެ ގޮތުގައި ހަބީބާ ފާހަގަ ކުރިއެވެ.

ދިމާވާ ބައެއް ދަތިތައް

ހަބީބާ ބުނި ގޮތުގައި ގާނޫނީ ގޮތުން ކޮމިޓީއިން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ހުންނަ ކަމަށާއި، އެކަނަކަން ކުރުމަށްޓަކައި ކޮމިޓީއަށް މާހައުލެއް ފަހި ކޮށްދޭން ޖެހޭ ކަމަށެވެ. ނަމަވެސް މިވަގުތު ކައުންސިލް އޮފީހުގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން އެތަނުގައި ކޮމިޓީއަށް ޖާގައެއް ނުލިބެއެވެ. މީގެ ކުރީގައި ކޮމިޓީއިން މަސައްކަތް ކުރަން ބޭނުންކޮށްފައިވަ އިމާރާތެއް ހުންނާނެއެވެ. ހަބީބާ ބުނާ ގޮތުން ކޮމިޓީގެ މަސައްކަތްތައް ކުރުމަށްޓަކައި، ކައުންސިލުން މިހާރު އެ އިމާރާތް ބޭނުން ކުރުމަށް ވަނީ ހުއްދަ ދީފައެވެ. ނަމަވެސް އެއިމާރާތް ބޭނުން ކުރެވޭނީ ވަރަށް ގިނަ މަރާމާތްތަކެއް ކޮށްގެންނެވެ. ދެވަނަ ކަމަކަށް ހަބީބާ ފާހަގަ ކޮށްލީ މުވައްފުންގެ ދަތިކަމެވެ. ކޮމިޓީގެ މަސައްކަތްތަކުގައި އެޑްމިން މަސައްކަތް ކުރުމަށް މުވައްފުން ފުދޭވަރަށް ނެތުމުން ކަންކަން ލަސްވެ ކޮމިޓީއިން ބޭނުންވާ ޓާގެޓަށް އެކަންކަން ނިންމުމުގައި ދަތިތަކެއް ދިމާވެއެވެ. އެހެންވީމާ ހަބީބާ އުއްމީދު ކުރަނީ ސަރުކާރުން ކައުންސިލްތަކަށް ބާރު އަޅައިގެން އެކަހަލަ ކަންކަމަށާއި މައްސަލަތަކަށް ވީހާވެސް އަވަހަކަށް ހައްލެއް ލިބޭނޭ ކަމަށެވެ.

ހަބީބާގެ މެސެޖު

ހަބީބާ ވަރަށް ހިތާމައާއި އެކު ފާހަގަ ކޮށްލި ގޮތުގައި ކުރިއާ ބަލާފަ މިހާރު ރައްޔިތުންގެ ފަރާތުން ކަންކަމުގައި އެއްބާރުލުން ނުލިބެއެވެ. ހަބީބާއަށް ފާހަގަ ވެފައިވާ ގޮތުން ސިޔާސީ ޕާޓީތައް ފެށުނު ފަހުން މީހުންގެ ހިތުގައި ބޮޑަށް އޮންނަނީ ޕާޓީއަށް ލޯބިޖެހިފައެވެ. އަދި އޭގެ ސަބަބުން ގިނަ މީހުންނަށް ބޮޑަށް އިސްކަން ދެވެނީ ޕާޓީގެ މަސައްކަތްތަކަށެވެ. ނަމަވެސް ހަބީބާ ފާހަގަ ކޮށްލީ މިހާރުވެސް ކަމެއް ރާވާ ހިންގާ ނަމަ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭ ކަމުގައެވެ. ނަމަވެސް ކުރީގައި އެއޮންނަ ރޫހެއް މިހާރަކު ނޯވޭ ކަމުގައެވެ.

'މީހުންގެ ބައިވެރިވުން، ހޭލުންތެރިކަން ވަރަށް ބޭނުންވޭ. މުޖުތަމައުގެ ފޭރާން ވަރަށް ބޮޑަށް ވީދިފަ މިއޮތީ. ހަރުދަނާ ކަންކަން ކުރުމަށް މީހުންގެ އެއްބާރުލުން ވަރަށް މުހިންމު. އަސްލު ހަގީގަތުގައި ރައްޔިތުންގެ އެއްބާރުލުމާއި ނުލައެއް މިކަން ކަމެއް ނުކުރެވޭނެ.' ހަބީބާ ކިޔައިދިނެވެ.

ހަބީބާއަކީ ވަރަށް ރައްޓެހިން ގިނަ މީހެއްކަމުގައި އޭނާ ބުންޏެވެ. އަދި އޭނާ އެންމެ ޝުކުރުވެރިވަނީ ބައިންބަފައިންނާއި އެކުވެރިންނަށެވެ.

ނިންމާލަމުން ހަބީބާ ބުނީ މިހެންނެވެ. 'މިހާތަނަށް އައިއިރު އަޅުގަނޑަށް އެހީތެރިވެދެއްވާފަވާ ވަރަށް ގިނަ ބޭފުޅުން ތިއްބަވާނެ. އަޅުގަނޑަށް ތާއީދު ކުރައްވާ ވަރަށް ގިނަ ބޭފުޅުން ތިއްބަވާނެ. އެހެންވީމަ އެބޭބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވާލަން.

  1. ހަބީބާ

    ލިޔުން ތެރިކަމަށް ސަމާލުކަންދީގެން މިފަދަ ލިޔުންތައް ލިޔާނަމަ ކިޔާމީހާ ޝައުގުވެރިވާނެއެވެ. ލިޔުމުގެ އުސްލޫބުގެ ސަބަބުން ކިޔަން ވަރަށް އުނދަގޫވިއެވެ. ބައޮގުރަފިކަލް ރިކައުންޓެއް ނުވަތަ ބައޮގުރަގީއެއް ނުވަތަ ފީޗަރ އާޓިކަލަކަށްވެސް މި ފެތޭ ބާވައޭ ހީވިއެވެ. އެއްޗަކަށް އެއްޗެއް ނުލިޔާށެވެ. ލިޔުމުގައި އޮއްޓަރެއް އެކުލެވޭހެން ލިޔާށެވެ.