ދުނިޔެ

ހަފްތާއެއް ފަހުން ޗައިނާގެ ބޯޓު ލަންކާއިން ފުރައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ މަނަވަރު ޔުއާންގް ވާންގް 5 ސްރީލަންކާގެ ހަމްބަންޓޯޓާ ބަނދަރުން ހޯމަ ދުވަހު ފުރައިފިއެވެ.

Ads by WAMCO

ސްރީލަންކާ ސަރުކާރާއި ޗައިނާ މާޗަންޓްސް ޕޯޓް ހޯލްޑިންގްސް ޕާޓްނާޝިޕް ކުންފުނި ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕުން ބުނީ އެ ބޯޓު ލަަންކާއިން ފުރީ ބަނދަރު ކުރިތާ ހަ ދުވަސް ފަހުން، ހޯމަ ދުވަހު ކަމަށެވެ.

ބޯޓު ދެން ދަތުރު ކުރާނީ ކޮން މަންޒިލަކަށް ކަމެއް ނޭނގެ އެވެ. އެ ބޯޓު އުފެއްދީ 2007 ވަނަ އަހަރުގަ އެވެ. އެ ބޯޓަށް 11،000 ޓަނުގެ ތަކެތި އުފުލުމުގެ ގާބިލްކަން ލިބިފައިވެއެވެ.

މި ބޯޓު ވަނުމުގެ ހުއްދަ އެންމެ ފުރަތަމަ ސްރީލަންކާއިން ދީފައެއް ނުވެއެވެ. ނޫސްތަކުން އޭރު ރިޕޯޓް ކުރި ގޮތުގައި ޗައިނާގެ މަނަވަރުގެ ދަތުރު ފަސްކުރަން ލަންކާއިން އެދުނީ އިންޑިއާގެ ނުފޫޒުންނެވެ. އެއީ ދިރާސާ ކުރުމަށް ހާއްސަ ބޯޓެއް ނަމަވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރި ގޮތުގައި ޗައިނާގެ ޖާސޫސީ މަސައްކަތް ވެސް އެ ބޯޓުން ކުރެއެވެ.

ޗައިނާއިން ލަންކާގައި ބިނާކޮށް، ހިންގަމުންދާ ހަމްބަންޓޯޓާ ބަނދަރަކީ އަސްކަރީ ބަނދަރެއްގެ ގޮތުގައި ބޭނުންކޮށްފާނެތީ އިންޑިއާއިން ކަންބޮޑުވެ އެވެ. ޖުމްލަ 1.5 ބިލިއަން ޑޮލަރު ހޭދަކޮށްގެން އެޅި އެ ބަނދަރަކީ އޭޝިއާ އާއި ޔޫރަޕާ ދެމެދުގަައިވާ މައި ޝިޕިން ރޫޓް ކައިރީގައި އޮންނަ ބަނދަރެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!