ދުނިޔެ

ކޮވިޑް-19 އަށް ފަހު ޗައިނާ މީހުން ކައިވެނި ކުރަންށާއި ދަރިން ހޯދަން ފަސްޖެހޭ: ދިރާސާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް އައި ފަހުން ޗައިނާގައި މީހުން ކައިވެނިކުރާ އަދަދާއި ދަރިން ހޯދާ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް، ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

އެ އިދާރާ އިން ބުނި ގޮތުގައި ދެ އަހަރަށް ފަހު ކޮވިޑް ކޮންޓްރޯލް ކުރެވިފައި ވިޔަސް، ކާވެނިކުރުމަށާއި ދަރިން ހޯދުމަށް ގިނަ އަންހެނުން އަދިވެސް ބޭނުން ނުވާ ކަމަށެވެ.

ސަބަބެއް ކަމަށް ބޮޑަށް ބެލެވެނީ ކޮވިޑާ ގުޅިގެން އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރައްޔިތުން ތަހައްމަލުކުރަން ޖެހުނު ތަކުލީފުތައް އިތުރުން ކަމަށް ރިޕޯޓްގައިވެއެވެ.

އޭގެ އިތުރުން ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ގިނަ ޒުވާނުންތަކެއް ވަނީ، ބޮޑެތި ސަހަރުތައް ދޫކޮށް ރަށްފުށު ސަރަހައްދުތަކަށް ބަދަލުވެފަ އެވެ. އަދި ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރަން ގިނަ ޒުވާނުން މިހާރު ބޭނުންވުމާއި، އާމްދަނީ އިތުރުކުރުމަށް ގިނަ ވަގުތު މަސައްކަތްކުރަން ޖެހިފައިވުމަކީ ވެސް، ކާވެންޏާ ދުރު ވިސްނުމެއް އުފެދޭ މައިގަނޑު އެއް ސަބަބަކަށް ވެދާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ޗައިނާ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، އާންމު ދިރިއުޅުމުގެ ކަންތަކަށް ވަރަށް ބޮޑަށް ހުރަސް އެޅިގެން ދިޔަ އެވެ. ގެއިން ބޭރަށް ނުކުތުމާއި އާންމު އެއްވުންތައް ބޭއްވުން މުޅިން މަނާކޮށްފައި ދެ އަހަރެއްހާ ދުވަސް ވަންދެން އޮތުމުން، އިޖްތިމާއީ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

ބޭރަށް ނުނިކުމެވި އެހެން މީހުންނާ އެކުވެ އުޅެވޭނެ ގޮތެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމުން، ބައެއް މީހުން ތިބީ އެގޮތަށް ހޭނިފައި ކަމަށާއި، އެފަދަ އަންހެނުންގެ ވިސްނުމުގައި ކާވެންޏެއް ފެށުމުގެ މާ ބޮޑު ބޭނުމެއް ނެތެވެ.

ޗައިނާގެ އާބާދީ އާދަޔާ ޚިލާފަށް މަދުވެ، މުސްކުޅިންގެ އަދަދު އިތުރުވުމުގެ ކަންބޮޑުވުން އުފެދިފައިވަނިކޮށް، ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން، އާބާދީ އިތުރުވުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ޗައިނާ ސަރުކާރުން 1980 ވަނަ އަހަރުން ފެށިގެން ދަމަހައްޓަމުން އައި، ކޮންމެ ދެމަފިރިއަކަށް އެއް ދަރި ހޯދުމުގެ ސިޔާސަތުގެ ސަބަބުން އެ ގައުމުގެ ޒުވާނުންގެ އާބާދީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ގައުމުގެ އުފެއްދުންތެރިކަމުގައި ބައިވެރިވާނެ ޒުވާނުން މަދުވުމާ ގުޅިގެން، 2015 ވަނަ އަހަރު ޗައިނާ އިން ވަނީ އެއް ދަރި ސިޔާސަތު ދޫކޮށްލައިފަ އެވެ.

އާބާދީ ދަށްވާ މައްސަލަ ހައްލުކުރުމުގެ ގޮތުން، ޗައިނާ ސަރުކާރުން ވަނީ މިދިޔަ އަހަރު ޚާއްސަ މަޝްރޫއެއް ފަށައިފަ އެވެ. އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަންކަމަކީ، ދަރިން ލިބުމުން ބައެއް ޓެކްސްތައް މައާފު ކުރުމާއި، ވިހެއުމުގެ ޗުއްޓީ އިތުރުކުރުމާއި، މެޑިކަލް އިންޝޫރެންސްގެ މިންވަރު އިތުރުކުރުމާއި، ބޯހިޔާވަހިކަމަށް ސަރުކާރުން ސަބްސިޑީ ދިނުމާއި، ދެމަފިރިއަކަށް ތިން ވަނަ ދަރިއަކު ލިބިއްޖެ ނަމަ ސަރުކާރުގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!