ފޯނެއް ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ފޯނެއް ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރީ ޢުމުރުން 32 އަހަރުގެ ފިރިހެނަކާއި, 33 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންނަކީ ވެސް ދިވެހިންނެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ, އެ ދެ މީހުން ވެސް 30 ދުވަސްވަންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓު އަމުރުގައި ބުނެފައިވަނީ މައްސަލަ ހުށަހަޅާ ފަރާތުގެ ބަޔާނާއި, ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތަކާއި ފުލުހުންގެ ހާދިސާ ރިޕޯޓަށް ބަލާއިރު އެ ދެ މީހުން ބައިވެރިވެގެން އިންޑިއާ ރައްޔިތެއްގެ އަތުން ފޯނެއް ފޭރިފައިވާކަމަށް ބެލެވޭ ކަމަށެވެ.
ދާދިފަހުން ވެސް މާލޭގެ މަގަކުން ހިނގާފައިދިޔަ އިންޑިއާ އަންހެނެއްގެ ކަރުގައި އަޅާފައި އޮތް ފަލަ ރަންފަށެއް ވަނީ ފޭރިގެންފައެވެ. އެ މައްސަލައިގައި ވެސް ދެ މީހަކު ހައްޔަރުކޮށް ފުލުހުން ދަނީ މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.