ދުނިޔެ

ޗައިނާއިން އުއިގޫރުންނަށް ކުރާ އަނިޔާއާ ބަޔާންކޮށް އދ އިން ނެރޭ ރިޕޯޓް ނެރެވޭނެ ކަމާމެދު ޝައްކުތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ޝިންޖިއާންގް ސަރަހައްދުގައި އުއިގޫރުން ގިނަ އަދަދަކަށް ޖަލަށްލުމާ ބެހޭ ގޮތުން ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ރިޕޯޓެއް އޮގަސްޓް 31 ވަނަ ދުވަހު މަގާމުން ވަކިވުމުގެ ކުރިން ނެރޭނެ ކަމަށް އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނަރ މިޝެލް ބެޗެލެޓް ވިދާޅުވި ނަމަވެސް އެކަން ނުކުރެވިދާނެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

Ads by WAMCO

މަޤާމުގެ ދައުރު ހަމަވާނެކަން އިއުލާން ކުރެއްވުމުން ބަޗެލެޓް ވިދާޅުވެފައިވަނީ އޭނާގެ ދައުރު ނިމުމުގެ ކުރިން އެ ރިޕޯޓް ޝާއިއު ކުރައްވާނެ ކަމަށެވެ. ޖޫން މަހުގައި މިހެން ވިދާޅުވި ނަމަވެސް ހައި ކޮމިޝަނަރުގެ ހައިސިއްޔަތުން ދެއްވި ފަހު ބްރީފިންގައި ވިދާޅުވީ އެކަން ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ނަމަވެސް އެކަން އަނެއްކާވެސް ލަސްވެދާނެ ކަމަށެވެ.

ބަޗެލެޓް ވިދާޅުވީ އޭނާގެ އޮފީހަށް ޗައިނާ ސަރުކާރުން ގިނަ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށާއި އެ މައުލޫމާތުތައް ރިޕޯޓް ނެރުމުގެ ކުރިން ވަރަށް ރަނގަޅަށް މުރާޖައާ ކުރަން ޖެހޭ ކަމަށެވެ. އެކަމަނާ ވިދާޅުވީ އެއީ އެމަނިކުފާނުގެ އޮފީހުން ޝާއިއުކުރާ ހުރިހާ ގައުމުގެ ރިޕޯޓްތަކަށް ވެސް އާންމު އުސޫލެއް ކަމަށެވެ.

އެ ރިޕޯޓް ނެރުން ވަނީ އެތައް ފަހަރެއްގެ މަތިން ފަސްކޮށްފައެވެ.

ޖުލައި މަހު ރޮއިޓާސްގެ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާއިން ވަނީ އެ ރިޕޯޓް ޝާއިއު ނުކުރުމަށް އެދި ބަޗެލެޓް ސިޓީއެއް ފޮނުވައިފައެވެ. އެކަމަނާ ވަނީ ގާތްގަނޑަކަށް 40 ގައުމެއްގެ ޑިޕްލޮމެޓުން ސޮއިކޮށްފައިވާ އެ ސިޓީ ލިބިވަޑައިގެންފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

ރިޕޯޓް ޝާއިރު ނުކުރުމަށް އެދުނު ޤައުމުތަކުގެ ތެރޭގައި އުތުރު ކޮރެއާއާއި ވެނެޒުއޭލާ އަދި ކިއުބާ ހިމެނެއެވެ.

އިންސާނީ ހައްގުތަކާ ބެހޭ އެކްޓިވިސްޓުން ތުހުމަތު ކުރަނީ ޗައިނާއިން ވޮކޭޝަނަލް ކޭމްޕް ކަމަށް ކިޔާ ކޭމްޕްތަކުގައި އެތައް މިލިޔަން މިލިއަން އުއިގޫރުންނާއި ތުރުކީ އަދި އެހެން ހިސާބުތަކަށް ނިސްބަތްވާ މުސްލިމުން ގިނަ އަދަދަކަށް ބަންދުކޮށް، އަނިޔާކޮށް، އަޅު މަސައްކަތް ކުރުވާ ކަމަށެވެ.

ޗައިނާއިން އެ ތުހުމަތުތައް ދޮގުކޮށް، ޓްރެއިނިން ސެންޓަރުތަކަކީ، ރަނގަޅު ވަޒީފާތަކެއް ހޯދުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ މަރުކަޒުތަކެއް ކަމަށް ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!