ފަރަށް އެރިތާ 11 ދުވަސްފަހުން ޕްލެޓްފޯމް ފުންކޮށްފި

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބުރިޖު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މި މަހުގެ 16 ވަނަ ދުވަހު ވިލިމާލޭ ފަރަށް އެރި ޕްލެޓްފޯމް މިއަދު ފުންކޮށްފިއެވެ.
ޕްލެޓްފޯމް ފުންކުރުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ނިމޭނެކަމަށް މަޝްރޫޢު ހިންގާ އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރިން ބުނެފައިވެއެވެ. ނަމަވެސް އެ މަސައްކަތް މެދުކަނޑައިލަން ޖެހުނީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށެވެ.
މިއަދު މެންދުރު ކުރިން ޕްލެޓްފޯމު ފުންކޮށްފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުންޏެވެ. އެ ގޮތުން އެފްކޮންސް ކުންފުނީގެ ސައިޓަށް ޕްލެޓްފޯމް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ޕްލެޓްފޯމު ފަރަށް އެރި ތަނުގައި ހުރި ދަނގަޑުތައް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނަޢީމް މިއަދު ވިދާޅުވީ ޕްލެޓްފޯމު ފުންކުރުމާއެކު ކުރިން ވެސް ރާވާފައިވާ ގޮތަށް ފަރަށް ލިބުނު ގެއްލުންތައް ބަލައި ދިރާސާކުރަމުގެ މަސައްކަތް ފަށާނެ ކަމަށެވެ.