ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ބައި ކިލޯގެ ޑްރަގް އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.
އެ ތަކެތި އަތުލައިގަތީ މިދިޔަ ޖޫން 29 ގައި ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލުތައް ބަލައި ޗެކު ކުރުމުގެ ތެރޭގައެވެ.
ކަސްޓަމްސްއިން މިއަދު ބުނީ ޕާރުސަލުގެ ތެރެއިން ފެނުނު ތަކެތި ތަހްލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ''މެފެޑްރޯން'' އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕެކިނާއެކު އެ ތަކެތީގެ ބަރުދަނުގައި ހުރީ 526 ގްރާމެވެ. އެ ތަކެތީގެ މަގުމަތީ އަގު އެއް މިލިއަން ރުފިޔާއަށް އަރާކަަމަށް ކަސްޓަމުން އަންދާޒާ ކުރެއެވެ.
އެ މައްސަލައިގައި ޝާމިލްވާ ދިވެހި ފިރިހެނަކާއި އަތުލައިގަނެވުނު ތަކެތި އިތުރަށް ތަޙްޤީޤުކުރުމަށްޓަކައި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.