އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ މަގުޗާޓު އެކުލަވާލައިފި
އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ މަގުޗާޓު އެކުލަވާލައިފިއެވެ.
އެ މަގުޗާޓު އެކުލަވައިލީ އެކަމަށް ޚާއްސަކޮށްގެން ނެގި ފަންނީ ކޮމިޓީގެ މެންބަރުންނަށް ބޭއްވި ތިން ދުވަހުގެ މަސައްކަތު ބައްދަލުވުމެއްގެ ތެރެއިންނެވެ.
އެ ގޮތުން ކޮމިޓީން ވަނީ އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ މަގުޗާޓެއް އެކުލަވާލައި, އެ މަސައްކަތް ކުރާނެ އިދާރާތައް ދެނެގަނެ, އެ އިދާރާތަކުން ކުރާނެ މަސައްކަތްތަކާއި އެ މަސައްކަތްތަކަށް ހޭދަވާނެ މުއްދަތު ކަނޑައަޅައިފައެވެ.
މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް ޢަބްދުއްސަލާމް ވިދާޅުވީ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ފަންނީ ބޭފުޅުން ކުރައްވާފައިވަނީ ތާރީޚީ މަސައްކަތްތަކެއް ކަމަށާއި, ކުރެވުނު މަސައްކަތާއެކު މިފަދަ ނިޒާމެއް ކަނޑައެޅުމަށް ދެން ކުރަންޖެހޭ މަސައްކަތްތައް ލަސްތަކެއްނުވެ އެ ކޮމިޝަނުން ފަށާނެ ކަމަށެވެ.
މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ ބައިވެރިންނަށް ސެޓްފިކެޓް ވެސް ހަވާލުކޮށްދެއްވައިފައެވެ. ސެޓްފިކެޓް ހަވާލުކޮށްދެއްވީ އޭސީސީގެ ރައީސް އާދަމް ޝާމިލެވެ.