ޤާސިމްގެ ދަރިފުޅު ކުރީގެ ފިރިމީހާ ކަރަށް ވަޅި ޖަހައިފި, އެ މައްސަލަ ނުބެލެންވީ ކީއްވެ: ޖާބިރު
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ދަރިފުޅު މަރްޔަމް ސަމާ ޤާސިމް ކުރީގެ ފިރިމީހާގެ ކަރަށް ވަޅި ޖަހައިފި ކަމަށާއި, އެކަން ނުބެލެންވީ ކީއްވެތޯ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު މިއަދު ސުވާލު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ މި ކަންކަމަށް ހައްލެއް ހޯދަން އެބަޖެހޭ ކަމަށެވެ.
''ޤާސިމްގެ ދަރިފުޅު އޭނާ ވަރިކުރި ކުއްޖާގެ ކަރަށް ވަޅި ޖަހައިފި. މިކަން އެއްވެސް ތަނަކުން ނުއެއްބެލޭ.''
އަންހެނަކާއި ފިރިހެނެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފިރިހެން މީހާގެ ކަރަށް ވަޅިޖެހީ ސަމާ ޤާސިމްކަމަށް ޕީޕީއެމްގެ ސެނެޓާ ޒާހިދު ރަމީޒު ވެސް އިއްޔެ ވިދާޅުވެފައެވެ.
''އަހަރެން ހީނުކުރަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދުވަހަކުވެސް ޤާސިމް ދަށުވެ ވަޅި ޖެހުން ކަހަލަ ކަންކަމުގަ މަތި އަޅަން އުޅެދާނެ ކަމަކަށް. އެކްސް ހަސްބަންޑް ހުޝާމް ކަރަށް ވަޅި ޖެހީ މަރިޔަމް ސަމާ ޤާސިމް. ކޮބާ ފިރިހެނުންގެ ރައިޓްސް ނެތީތަ.'' ފުލުހުންނަށް ޓެގްކުރައްވައި ޒާހިދު ވިދާޅުވިއެވެ.
ފުލުހުން ބުނީ މީހަކަށް އަނިޔާވެގެން އޭޑީކޭގައި ފަރުވާދެމުން އަންނަކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި, އަދި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.